ރިޕޯޓް މީހުން

ކޮވިޑްގެ ދެރަ ޙާލަތުގައި މުޙައްމައިދީ އުފަންކުރުވި ގަދަ ޚިޔާލު!

މުޙައްމަދު އަރީޙް ، ދެން އޮންލައިން
މުޙައްމައިދީ "ދެން" އަށް މައުލޫމާތު ދެނީ

(ލ.ފޮނަދޫ) ވެހެމުންދިޔަ ބޯ ވާރޭގައި ކުޑައެއް ނަގައިގެން އަހަރެން އައިސް މިހިރީ ލ.ފޮނަދޫ ބީކިންގުގައެވެ. ބާރު ވަޔަށް ކިޔަމަންވެ އަހަންނަށް ކެހިދިން އެ ކުޑައިން ނިވަލެއް ނެތި ތެމި ފޯވެގެން ކަހަލަ ގޮތަކަށް މި އައީ މި ގޭ މުޙައްމަދު ޢަލީ ، އާންމު ނަމުން ނަމަ މަތަންގީ މުޙައްމައިދީ އުފަންކުރުވި ގަދަ ޚިޔާލުގެ ތެރެއަށް އޭނާއާ އެކު ފީނައިލުމަށެވެ. އެ ޚިޔާލަށް ދިޔުމުގެ ކުރީން މުޙައްމައިދީގެ ތަފްސީލެއް ދޭނަމެވެ.

Ads by MWSC

މުޙައްމައިދީއަކީ ހަތަރު ކުދީންގެ ބައްޕައެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ކުލީކާރު ދުއްވުމެވެ. އެކުވެރި،ސަމާސާ މިޒާޖެކެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް މީހުން އޭނަޔާ ގަޔާވާ ކަމަކީ އޭނާގެ ހުކުމްތަކެވެ. ތައުލީމީ ސެޓްފިކެޓްތަކެއް ނެތް ނަމަވެސް ޝަރުޢީ ކޯޓެއްގައި ހުކުމް ޖަހައިލާން ބައިންދާން އޭނާ ވަރުގެ މީހަކު މަދުވާނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އޭނާ ނިންމައިފައި ހުރި ނިންމުންތަކަކީ ޝައުގުވެރި ނިންމުންތަކެކެވެ.

މިއީ އެ ވާހަކަ ނޫން ނަމަވެސް ، ކޮވިޑްގެ ދެރަ ޙާލަތުގައި މުޙައްމައިދީ އުފަންކުރުވި ގަދަ ޚިޔާލަކީ އާދައިގެ ކަމެއް ނޫނެވެ.

މި ވާހަކަ ފެށެނީ ކޮވިޑްގެ ރާޅުތައް މާލެއަށް ބިންދައިލާ އެ ރާޅުގެ އޮއިވަރުތައް ހައްދެން ނެތް މިންވަރަށް ހައްދުންމައްޗަށް ބީއްސަން ފެށި ހިސާބުންނެވެ. ރަށްރަށް ބަންދުވެ ، ހައްދުންމަތީގެ ހިތްކަމަށްވާ ގަން،ފޮނަދުއަށް މީހުން ޒިޔާރަތް ކުރުން ހުއްޓައިލުމުން ކުލީކާރު ޕާކުކޮށް ނިތް މައްޗަށް އަތް އެއްލައިލައިގެން އޮންނަން ޖެހުނު ހިނދު އޭނާގެ ހިތް ދަތިކޮށްލީ ރިސޯޓްގައި ވަޒީފާ އަދާކުރާ އޭނާގެ ދެ ދަރީންނަށް ވެސް އާމްދަނީ ލިބުން ހުއްޓުމުންނެވެ. ނަމަވެސް ހިތްވަރު އެލުވައި ނުލައި އާމްދަނީ ހޯދާނެ މަސައްކަތަކާ މެދު ފިކުރުކުރަނިކޮށް ޚިޔާލަށް އައީ ބަދިގޭތެރޭ ގެންގުޅޭ ސަމުސާ ،އުނދުޅި ފަދަ ތަކެތި ލަކުޑިން ހަދައި ވިއްކުމުގެ ޚިޔާލެވެ. އެ މަސައްކަތަށް މާބޮޑު ވިޔާފާރިއެއް ނުލިބުމުން އޭނާ ދެން ވިސްނީ ޙާލަތާ މެދުގައެވެ. އެ ގޮތުން އާންމުން ގޭތެރޭ ބަންދުވެ ތިބޭއިރު ކުރާނެ ކަމަކާ ގުޅޭ އަދި ޚަރަދެއް ނުކޮށް ލިބޭ އެއްޗަކާ މެދު ވިސްނައިލައި ދެން ނެގި ފިޔަވަޅަކީ ގަސްކާނާއެއްގެ ގޮތުން ބޮނބިކުނޑި ވިއްކާން ފެށުމެވެ.

ފޮނަދުއަކީ ގޭގޭގައި ގަސްއިންދައި ހެއްދުމުގެ ޝައުޤު އޮތް ރަށަކަށް ވެފައި ޚަރަދެއް ނުކޮށް ބޮނބި ލިބޭނެތީ މި ޚިޔާލު އޭނާގެ ސިކުނޑީގައި ގަދަކޮށްލިއެވެ. އެއާ އެކު އަމަލީ މަސައްކަތަށް އޭނާ ދުއްވައިގަތެވެ. ޓްރަޔަލްގައި ފެން މޯޓަރެއްގެ ބުޑުގައި މިކްސްޗަރެއްގެ ތަށި އަޅުވައި ފުނޑައިލި ބޮނބިތައް ކުދިކުދި ވެގެން ދިޔައިރު އޭނާގެ މާޔޫސްކަން ވެސް ފިލައި ނާއުއްމީދު އެކީ އެކައްޗަކަށް ކުދިކުދިވެގެން ހިނގައްޖެއެވެ. މިއާ އެކު މަސައްކަތް ފުޅާ ކުރުމަށް އޭނާގެ ޚިޔާލާ އެއްގޮތަށް މެޝިން ތައްޔާރުކުރިއެވެ.

މުޙައްމައިދީ އޭނާގެ ބޮބި މެޝިންއާއެކު... ދެން އިމޭޖްސް

ތިން ސައިޒަކަށް ބޮނބި ކުނޑިކުރެވޭ މި މެޝިނަކީ އޭނާގެ ދަތި ޙާލަތަށް ލުއި ހޯދައިދިން މެޝިނެކެވެ. ކެމިކަލް ހިމެނޭ ފުރެއްދެ ކުނޑީގެ 15 ބަސްތާއެއް 200އެއްހައި ރުފިޔާއެއް ބާޒާރުން ލިބެން ހުންނައިރު ކެމިކަލް ނުހުންނަ ތާޒާ ބޮނބި ކުނޑީގެ 15 ކިލޯގެ ބަސްތާއެއް މުޙައްމައިދީ ވިއްކަނީ 100 ރުފިޔާއަށެވެ. ގޭގެއަށް ގެންގޮސްދެނީ އެއްވެސް އަގެއް ނުނަގައެވެ.

މުޙައްމައިދީ ބޮނބި ގޯންޏެއް ވިއްކަނީ 100 ރުފިޔާއަށް | މިއީ ބާޒާރުުން ލިބޭ އަގަށް ވުރެ ހެޔޮ އަގެއް.. ދެން އިމޭޖްސް

ދުވާލަކަށް ހަތަރު ފަސް ބަސްތާ ވިއްކަމުން ދަނިކޮށް މުޙައްމައިދީއަށް ދެން އައި ގޮން ޖެހުމަކީ ބޭރާއި އެތެރޭގެ މޮޅުކަމާއި ދެރަކަމަށް އޮތް ބަހުސެވެ. ކެމިކަލް ނުލައި މުޙައްމައިދީ ވިއްކާ ބޮނބި ކުނޑިއަށް ވުރެ ފުރެއްދެ ކުނޑި މާ ރަނގަޅުވާނެ ކަމަށް މީހުން ޤަބޫލުކުރާ ޤަބޫލު ކުރުމެވެ.

މުޙައްމައިދީގެ ކޯޓުން ދެން ވެސް ނިންމީ ވަރުގަދަ ނިންމުމެކެވެ. އޭނާގެ އުފެއްދުން ރަނގަޅުކަމަށް ސާބިތު ކޮށްދިނުމަށް ޓަކައި އޭނާ ނިންމީ ދަނޑެއް ހައްދާށެވެ. އެ ގޮތުން ގޯތި ތެރޭގައި މިރުސް އިންދައި ހެއްދިއެވެ. ގަހަށް ބަލި ޖެހިއްޖެ ނަމަ ބޭނުން ކުރާ ބޭސް ފިޔަވައި އެހެން އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ގަސްކާނާއަކަށް އޭނާ ބޭނުންކުރީ ހަމައެކަނި ބޮނޑި ކުނޑިއެވެ. ނިކަން ފެހިކޮށް ހެދިފައި އޮތް އެ ދަނޑުގައި މިހާރު އޮތީ މިރުސް އަޅައި ބަރާވެފައެވެ.

މުޙައްމައިދީގެ މިރުސް ދަނޑު | މި ދަނޑުގައި މިރުސް ގަސްތަކުގައި ބޭނުން ކުރަނީ އަމިއްލަ ބޮނބިކުނޑި... ދެން އިމޭޖްސް

މުޙައްމައިދީގެ އައު ޚިޔާލު މިހާރު ވަނީ ފައްކާވެ ވައިގައި ހިފައިފައެވެ. ރަށުގެ އެތައް ބަޔަކު އޭނާގެ އުފެއްދުން ބޭނުންކުރަމުން އަންނައިރު ރަށުން ބޭރުން ވެސް އެތައް އޯޑަރެއް އޭނާއަށް މިހާރު ލިބެއެވެ. މިއާ އެކު އޭނާގެ ވިސްނުން މިހާރު ހުރީ މި އުފެއްދުން މާކެޓްކޮށް ވިޔާފާރި ކުރިއެރުވުމެވެ. މީގެ އިތުރުން ރުކުގެ ފަން ފަދަ ތަކެތި ކުނޑިކޮށްލާ މެޝިނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އޭނާ ދަނީ ކުރަމުންނެވެ.

މުޙައްމައިދީ ބޮނބި މުގުރުމުގެ މަސައްކަތުގައި | ކުރީން ކުރި މަސައްކަތަކީ ކުލީ ކާރު ދުއްވުން.. ދެން އިމޭޖްސް

މުޙައްމައިދީގެ މި މަސައްކަތުގައި އަވަދި ނެތި އުޅެނިކޮށް ކޮވިޑްގެ އަނދިރިކަން އަލިވެ ކުރީގެ ދިރިއުޅުމަށް އެނބުރި އާދެވިއްޖެއެވެ. ކާރުގެ ހިރަފުސް ފޮޅައިލައި އެ ދުއްވައިލި ހިނދު އޭނާއަށް ފެނުނީ މާ އުފާވެރި މަންޒަރެކެވެ. ކާމިޔާބީއަކީ ގޮތް ދޫނުކޮށް ހިތްވަރުކުރާ މީހުންގެ މިލްކެއްކަން އޭނާ ސާބިތުކޮށްދިނެވެ. އަދި އެއް ދޮރު ލެއްޕޭ ހިނދު އެތައް ދޮރެއް ހުޅުވޭނެކަން މުޙައްމައިދީގެ ޙަޔާތުގެ ޞަފްޙާތަކުގައި ލިޔެވުނެވެ.

"ޓެކްސީއަށް ވުރެ މި މަސައްކަތް މިހާރު މާ ރަނގަޅު"ކަމަށް ނިންމައި މުޙައްމައިދީގެ އައު މަސައްކަތާ އެކު ކުރިއަށްދާން ނިންމި ރައުޔަށް އަހަރެން ވެސް ތާއީދު ކުރީމެވެ.

Ads by Allied Insurance
  1. ލިޔާހިތުން

    ސާބަސް ތިކުރާ ހިއްވަރަށް ހިއްމަތާއެކު މަސައްކަތް ކުރާމީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ .

  2. ޢަލީ

    މެސިން ހެދިގޮތްވެސް ލިޔެލިނަމަ

    • ކީއްކުރަން

      ކަލޭ މެޝިން ހަދާ ވިއްކަންތަ؟

  3. ސާބަސް