ނޫމަރާގެ ފަރަށް އެރި ބާޖުގެ ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މީގެ ދެ އަހަރު ކުރިން ށ. ނޫމަރާގެ ފަރަށް އެރި "މެރިން ޕަވާ 2317" ބާޖުގެ ވެރިފަރާތް 61.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި ނޫމަރާގެ ބަނދަރު ހަދަން ގެނައި އެ ބާޖު ނެރު މައްޗަށް އެރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މެރިން ޕަވާ 2317 ބާޖު ނެރު މައްޗަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
މިކަމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބާޖު ނޫމަރާ ފަރަށް އެރުމުގެ ސަބަބުން ސީދާ ގޮތެއްގައި ފަރުގެ 1،632 އަކަމީޓަރު ސަރަހައްދަށް ގެއްލުން ލިބިފައިވާ ކަމަށް އެ އެޖެންސީން ކުރި ސާވޭއިން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61،681،316 ރުފިޔާއިން ބާޖުގެ ވެރިފަރާތް ޖޫރިމަނާކުރާ ކަމަށާއި މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާނެ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.