ޚަބަރު

ރާއްޖެއިން އިތުރު ހަތަރު މީހަކަށް އޮމިކްރޮން ވޭރިއަންޓް ޖެހިފައިވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއަންޓް ރާއްޖޭއިން އިތުރު ހަތަރު މީހުންނަށް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

Ads by Hajj Corporation

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން ވިދާޅުވީ، ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ޖެހިފައި ވަނީ ރާއްޖެއަށް ދަތުރު ކުރި ހަތަރު ފަތުރުވެރިއަކަށް ކަމަށެވެ. އަދި މި ހަތަރު މީހުންނަކީ ވެސް ދެކުނު އެފްރިކާއަށް މީގެ ކުރިން ދަތުރުކޮށްފައިވާ ފަރާތްތައް ކަމަށް ހާމަކުރިއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އިތުރުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަން ކުރަން ޖެހޭ ހާލަތުގައި ކުރާނެ ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

"މި ވަގުތު މިދަނީ ރިކްސް އެސެސްމެންޓްތައް ހަދަމުން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މި ވޭރިއަންޓަކީ އެކެއްގައިން އަނެކާގެ ގަޔަށް އެރުމުގެ ފުރުސަތު. ބޮޑު ވޭރިއަންޓެއް ކަމަށް ލިބެން ހުރި ޑޭޓާތަކުން ފެންނަ ކަމަށެވެ. އަދި ވެކްސިން ދެ ޑޯޒް ޖެހުމުން މި ވޭރިއަންޓުން ރައްކާތެރިކަން ފޯރު ނުކޮށްދޭކަން ފާހަގަ ކުރަމުން، ވެކްސިންގެ ބޫސްޓަރ ޑޯޒެއްގެ މުހިންމު ކަމާ ގުޅޭ ގޮތުން އަފްޒަލް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރާއްޖެއިން ފުރަތަމަ އޮމިކްރޮން ވޭރިއަންޓް ފެނިފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެއީ ދެކުނު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭރު ރާއްޖެއިން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ދެކެނު އެފްރިކާ ހިމެނޭހެން އެފްރިކާގެ ހަތް ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!