ޚަބަރު

މާފުށީ ކައުންސިލްގެ ކުރީގެ ރައީސަށް މިހާރުގެ ރައީސްގެ ކޮއްކޮ ހަމަލާ ދިން މައްސަލައެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާފުށި ދެން
ކ.މާފުށި--

ކ. މާފުށީ ކައުންސިލުގެ ކުރީގެ ރައީސް އުސްމާން ރަޝީދަށް، މިހާރުގެ ކައުންސިލު ރައީސްގެ ކޮއްކޮ ހަމަލާދީ މާރާމާރީ ހިންގިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

"ދެން"އަށް އެނގިފައިވާ ގޮތުގައި އުސްމާން ރަޝީދަށް ހަމަލާ ދީފައި ވަނީ، ރޭގެ ވަގުތެއްގައި އޭނާ ސައިކަލެއްގައި ދަނިކޮށް މޭގައި ޖަހައި ވައްޓައިލައިގެންނެވެ.

މިފަދަ މާރާމާރީއެއް ހިނގިކަން އުސްމާން ރަޝީދު ވެސް ވަނީ "ދެން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާގެ ސިއްހީ ޙާލު މިވަގުތު ހުރި ގޮތުން މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވުނެވެ.

"ދެން"އަށް އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގި ވަގުތު މާފުށީގައި ކ. ހުރާ ކައުންސިލުގެ ރައީސް އީސާ އަޙުމަދު ވެސް ހުންނެވިއެވެ. "ދެން"އަށް ވިދާޅުވީ، މާރާމާރީ ހިނގި މަންޒަރު ފެނުނު ކަމަށާއި ދުރުކުރަން ވެސް މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ކާކު ކަމެއް އައިސް ހަމަލާ ދިނީ. އެންމެ މީހަކު އައިސް ހަމަލާ ދިނީ. ނަމަވެސް ހަމަލާ ލިބުނު މީހާ އެއްވެސް ވަރަކަށް އެމީހާ ގައިގައި ނުޖަހާ" ހުރާ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އީސަ އިތުރަށް ވިދާޅުވީ، ހަމަލާ ލިބުނު މީހާއަށް ވަރަށް ބޮޑަށް އަނިޔާވާނެ ކަމަށް ބެލެވޭ ކަމަށާއި ފުރާ ގަޑި ކައިރިވެފައި ހުރުމުން މާފުށީ ކައުންސިލުގެ ނައިބު ރައީސްގެ ސައިކަލުގައި ކުރީގެ ކައުންސިލު ރައީސް މަރުކަޒަށް ފޮނުވުމަށް ފަހު އެނބުރި ހުރާއަށް ވަޑައިގަތީ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން މާފުށީ ކައުންސިލުގެ މިހާރުގެ ރައީސް ޙަސަން ސޮލާހް ވަކި އެއްޗެއް ވިދާޅުނުވެ ވިދާޅުވީ ފުލުހުންނާ ގުޅައިލުމަށެވެ. މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!