ވިމަސް ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން ލަފާ ދީފި
ސުނާމީގައި ގެއްލުންވި ގެތަކުގެ މަސައްކަތާ ހަވާލުވެގެން އުޅުނު ވިމަސް މޯލްޑިވްސް ކުންފުންޏަށް ގއ. ވިލިނގިލީ ކޯޓުން އިތުރަށް ދޫކުރި 1.7 މިލިއަން ރުފިޔާ ހޯދަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފިއެވެ.
މި މައްސަލައިގައި ވިލިނގިލީ ކޯޓުން ވަނީ ދެ ކުންފުންޏެއްގެ ދެމެދުގައި ހިނގި މުުއާމަލާތެއްގެ މައްސަލަ ބަލައި، ފައިސާ ދޭން ޖެހޭ އަދަދަށް ވުރެ އިތުރަށް ފައިސާ ނަގައިދީފައެވެ. ވިލިނގިލީ ކޯޓުން އެކަން ކޮށްފައި ވަނީ ގާނޫނުއަސާސީއާއި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަން، ފައިސާ ދޫކުރުމަށް އެ ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުގައިވެއެވެ.
އެހެންކަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފިލިޕިންސްގެ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް (ޕީބީޑީސީ)އަށް ފައިސާ ދިނުމަށް މެޖިސްޓްރޭޓް ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރި ހުކުމަށް ބަލާއިރު، ޕީބީޑީސީއާއި ވިމަސް މޯލްޑިވްސްއާ ދެމެދު ހިނގައިފައިވާ މުއާމަލާތާ ގުޅިގެން ދައުލަތުން އެ ކުންފުންޏަށް ނަގައިދެވޭނީ ޕީބީޑީސީން ކޮށްފައިވާ މަސައްކަތުގެ އަސްލު އަގުގެ ގޮތުގައި ހޯދަން އެދިފައިވާ 72،500 ރުފިޔާ ކަމަށެވެ.
"ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޑިސެމްބަރު 31، 2018ގައި ކުރެއްވި ހުކުމާ ގުޅިގެން އެ ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކައިފައިވާ 1،840،050ރ. ތެރެއިން 72،500ރ. ފިޔަވައި ބާކީ ހުރި 1،767،550ރ.އަކީ ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ނޫންކަން ފާހަގަކުރެވެއެވެ" އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނިންމުމުގައި މިއަދު ބުނެފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ޕީބީޑީސީއަށް ކޮށްދިން އަސްލު މަސައްކަތުގެ އަގުގެ ގޮތުގައި ހޯދަން ހުށަހެޅި 72،500ރ. ފިޔަވައި ބާކީ ހުރި 1.7 މިލިއަން ރުފިޔާ ހޯދައި އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ލަފާދީފައިވާ ކަމަށެވެ.