ޚަބަރު

ޢުމަރު ޒާހިރުގެ ކަށުނަމާދު ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަރުޙޫމް ޢުމަރު ޒާހިރުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ ޢިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރާގޮތަށް ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު އެވެ. އެ މަނިކުފާނު ކޮވިޑަށް ފައްސިވީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިންނެވެ.

ޢުމަރު ޒާހިރުގެ ޢާއިލާއިން މީގެ ކުރިން މަޢުލޫމާތު ދެއްވިގޮތުގައި އެ މަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާއެވެ.

އުމަރު ޒާހިރުގެ މިހާރު އުމުރުފުޅަކީ 85 އަހަރެވެ. އޭނާއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގައެވެ. އެމަނިކުފާނު ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ ވުޒާރާތަކުގެ ވަޒީރުކަން ކުރައްވައިފައެވެ. އޭގެ ތެރޭގައި، ޕަބްލިކް ވަރކްސްގެ ވަޒީރުކަމާއި ދާޚިލީ ވަޒީރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަން ހިމެނެއެވެ.

އޮނަރަބްލް ޢުމަރު ޒާހިރުއަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ހީވާގި ބޭފުޅެކެވެ. ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލެކެވެ. ނަމޫނާ  ޝަޚްޞިއްޔަތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!