ރިޕޯޓް

މާލެއިން ފަސޭހަކަމާއެކީ ޓެކްސީއެއް ހޯދުން: ހައްލެއް ނުލިބިފައިވާ ތަކުލީފެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"މާލެއިން ޓެކްސީއެއް ހޯދުމަށް ވުރެ ފަސޭހަ ވާނެ ބިޓެއް ހޯދުން ވެސް" މިއީ މަޝްހޫރުވި ޑްރާމާ ސިލްސިލާއަކުން ހަމަ އެހާމެ މަޝްހޫރުކަން ލިބުނު ޑަޔަލޮގެކެވެ. މި ޑަޔަލޮގް އަޑުއަހައިލައިފައި އެވަގުތު ހިނި އައި ކަމުގައި ވިޔަސް، އޭގައި އެބުނާ އެއްޗެއްގެ އަސްލު މާނަ ވިސްނެނީ، ކާރުބާރު ބޮޑު މާލޭގައި ތަނަކަށް ދާން ޓެކްސީއެއް ހޯދަން މިހާރު އުޅެންޖެހޭ ހާލު ފެނުމުންނެވެ.

Ads by Sosun Fihaara

މާލެއަކީ އެހެން ބައެއް ރަށްތަކާ އަޅައިބަލާއިރު ކުޑަ ތަނެއް ކަމުގައިވީ ނަމަވެސް، އެކި ތަންތަނަށް ދަތުރުފަތުރު ކުރުމުގައި ގިނަ ރައްޔިތުންނަށް އެއްގަމު އުޅަނދުފަހަރުގެ އެހީތެރިކަން ބޭނުންވެއެވެ.

އާންމު ގޮތެއްގައި ގިނަ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ބޭނުން ކުރަނީ ސައިކަލާއި ޓެކްސީ ކާރެވެ. ކޮންމެ މީހަކީ ސައިކަލެއް ގެންގުޅޭ މީހަކަށް ނުވާތީއާއި ބައެއް ފަހަރު ގިނަ މީހުންނާ އެކީ ދަތުރު ކުރަން ވެސް ޖެހުމުން، ގިނަ މީހުން މަސައްކަތް ކުރަނީ، ދާން ބޭނުންވާ މަންޒިލަށް ދިޔުމަށް ޓެކްސީއެއް ހޯދޭތޯއެވެ.

ނަމަވެސް މާލެއިން ޓެކްސީއެއް ހޯދުން މިހާރު ވެފައި ވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ. ޓެކްސީ ސެންޓަރަކަށް ގުޅައިގެން ކާރެއް ނުލިބުމުގެ އިތުރުން، މަގުމަތިން ހުސް ކާރެއް ނުވަތަ ދަތުރެއް ލިބެނީ ވެސް އެހާމެ ދަތި އުނދަގުލުންނެވެ.

▪︎ ޓެކްސީ ސެންޓަރަށް ގުޅައިގެން ކުރެވޭ ހިތި ތަޖުރިބާ:

ޒަމާނުއްސުރެ ޤަބޫލު ކުރެވެމުން އައި އެއް ކަމަކީ، ޓެކްސީއެއް ހޯދަން އެންމެ ފަސޭހަ އަދި ދަތުރު ޔަގީން ވެސް ވާ އެއް ގޮތަކީ ޓެކްސީ ސެންޓަރަކަށް ގުޅައިގެން ޓެކްސީއެއް ހޯދުން ކަމެވެ.

ނަމަވެސް މިހާރު މިހެން ވެސް ޓެކްސީއެއް ލިބުމުގެ ނަސީބުލައްވައިލަނީ މަދު ފަހަރަކުއެވެ.

"ގިނަ ފަހަރަށް ގުޅާ ގިނަ ޓެކްސީ ސެންޓަރުތައް ހުންނަނީ ނަންބަރު ބިޒީވެފަ. ވަރަށް ގިނައިން ގުޅުމަށް ފަހު ކިރިޔާ ވެސް ގުޅޭ ތަނަކުން، އެ ދަތުރު ނަގާނެ ޑްރައިވަރެއް ވޭތޯ ގާތްގަނޑަކަށް މިނެޓެއްވަރު ދެ މިނެޓެއްްވަރު ވަންދެން ސެޓުން ގޮވާނެ. އެކަމަކު ދަތުރު ނަގާނެ އެއްވެސް މީހަކު ނުވެގެން ހުސް ކާރެއް ނެތޭ ކިޔާފަ ފޯނު ކަނޑާލާނެ" ސެންޓަރުތަކުން ޓެކްސީ ދަތުރު ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

▪︎ މާލެއަށް ދަތުރު ނުކުރެވޭ، ހުޅުމާލެއަށް ވިއްޔާ ހޭވައްލާ ތައްޔާރު!

މާލެއިން ޓެކްސީއެއް ހޯދުމުގައި މިއީ ވެސް މިފަހަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. މާލޭގެ ތަނަކަށް ދާން ޓެކްސީއެއް ލިބޭތޯ ކިތަންމެ ވަރަކަށް މަސައްކަތް ކޮށްގެން ކާމިޔާބު ނުވިޔަސް، ހުޅުމާލެއަށް ދަތުރެއް ކުރަން ވެއްޖިއްޔާ ވަރަށް ފަސޭހައިން ކާރެއް ލިބެއެވެ.

"އެއް ދުވަހު އަޅުގަނޑު ހުރިން ވިލިމާލޭ ފެރީ ޓާމިނަލުގައި، ހުސް ކާރެއް ލިބޭތޯ. ކައިރީގައި އެހެން އަންހެނެއް ވެސް ހުރި. ވަރަށް ގިނަ އިރު ފަހުން، ދަތުރެއް ހުސްކުރި ކާރަކަށް އަރަން އުޅެނިކޮށް ޑްރައިވަރު އެހި ކޮންތަނަކަށްހޭ. މާލެއިން ދާން ބޭނުންވި ތަން ބުނީމަ ބުނި އެތަނަށް ނުދެވޭނޭ. ދެން ކައިރީގައި ހުރި އަންހެން މީހާ ކައިރީގައި އެހީމަ އޭނަ ބުނި ހުޅުމާލެއަށޭ. ހަމަ ބުނާއިރަށް އެދަތުރު ނަގައިފި." ދެންއާ ވާހަކަ ދެއްކި މީހެއްގެ ތަޖުރިބާ ހިއްސާ ކުރިއެވެ.

މީގެ އިތުރުން އެހެން މީހަކު ބުނީ، ފަސޭހައިން ޓެކްސީއެއް ހޯދަން މިހާރު ބޭނުން ކުރާ އެޕްލިކޭޝަނުން ވެސް، މާލޭގެ ތަނަކަށް ދާން "ޕިކް އަޕް ޕޮއިންްޓް" ޖަހައިގެން، އެ ދަތުރު ކޮށްދޭނެ ކާރެއް ގިނަ ފަހަރަށް ނުލިބުނަސް، ހުޅުމާލެއަށް ދާން ކަމަށް ޖަހައިފިނަމަ ވަރަށް ފަސޭހައިން ކާރު ލިބޭ ކަމަށެވެ.

ބެލެވޭ ގޮތުގައި މިހެން ކަންތައް ވަނީ، ހުޅުމާލެއަށް ކުރާ ދަތުރުތަކުން 75 ރުފިޔާ ލިބިފައި، މާލެ ތެރޭގެ ދަތުރުތަކަށް އެންމެ 25 ރުފިޔާ ލިބޭތީއެވެ.

▪︎ ފެހި ލައިޓު ދިއްލައިގެން ވެސް ކާރު ފުރާ މީހުން

ޓެކްސީ ޤަވާއިދަށް ގެނައި ބަދަލުތަކާ އެކު، ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ ކޮންމެ ޓެކްސީއެއްގައި ވެސް "ޓެކްސީ ބޯޑު" އެޅުވުމަށެވެ. އެއީ ހުސް ކާރު ހޯދަން ފަސޭހަ ކޮށްދިނުމަށާއި ދަތުރެއްގައި ހުރި ކާރުތައް ވަކި ކޮށް ދިނުމަށެވެ.

އެގޮތުން ދަތުރެއްގައިވާ ނަމަ، ޓެކްސީ ބޯޑު "ރަތް" ކުލައިގައި ބެހެއްޓުމަށާއި ދަތުރެއް ނެގޭ ގޮތަށް ހުހަށް އޮތް ކާރެއް ނަމަ، އެ ބޯޑު "ފެހި" ކުލައިގައި ބެހެއްޓުމަށް ޤަވާއިދުގައި ވަނީ ބުނެފައެވެ.

ނަމަވެސް ހިތާމައަކީ، އެ ޤަވާއިދު އުފައްދައި އެއަށް އަމަލު ކުރަން 2014ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ފަށައިފައިވާ އިރު ވެސް، ހިތާމައަކީ އަދިވެސް ގިނަ ޓެކްސީ ޑްރައިވަރުންނަށް މި ބޯޑު ރަނގަޅަށް ބޭނުން ކުރަން ނޭނގުމެވެ.

އެގޮތުން، ދަތުރެއް ނެނގޭނެކަން ދެއްކުމަށް ދިއްލަންވީ ފެހި ލައިޓު އަޅުވައިގެން، ޓެކްސީ ފުރެންދެން މީހުން އަރުވައިގެން ވަރަށް ގިނަ ޑްރައިވަރުން ދަތުރުކުރާ މަންޒަރު މަގުތައް މަތިން ފެނެއެވެ. މިކަމުގެ ސަބަބުން، މަގުމަތިން ދަތުރު ނަގަން އަތް އުފުލާ ފަރުދުންނަށް ވެސް ލިބެނީ އިތުރު މާޔޫސް ކަމެކެވެ.

ހަމަ މިފަދައިން ދަތުރެއްގައިކަން އަންގައިދޭ ރަތް ލައިޓު އަަޅުވައިގެން، މަގުމަތިން ހުސް ދަތުރު ނަގާ ޑްރައިވަރުން ވެސް މަދެއް ނޫނެވެ. އެފަދައިން ކަންތައް ކުރުމުން ރައްޔިތުން ތިބެން ޖެހެނީ އެތަނުން އަތް ނަގަންވީ ކޮން ލައިޓެއް ފެނިގެންތޯ ނޭނގި، ހިތުގައި ސުވާލު އުފެދިފައެވެ.

▪︎ ޓެކްސީ ކިޔު: ބަލަހައްޓާނެ މީހަކު ނެތިއްޔާ ކުރިމަތި ވަނީ ބޮޑު މައްސަލަތަކަކާ

ޓެކްސީ ހޯދުމަށް ފަސޭހަ ކުރުމަށް، މާލޭގައި ބައެއް ތަންތަނުގައި ޓެކްސީ ކިޔު ވެސް ހަދައިފައި ހުރެއެވެ.

މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އައިޖީއެމްއެޗް ކައިރީގައި ހަދައިފައި އޮންނަ ޓެކްސީ ކިޔުއެވެ.

އެތަނަކީ އާންމުގޮތެއްގައި އެތަން ބަލަހައްޓަން ފުލުހުންގެ މީހަކު ހުރި ކަމުގައި ވިޔަސް، މީހަކު ނެތިއްޖެނަމަ އާންމުންގެ މީހުން ހިތަށް އެރި ގޮތަކަށް އުޅެ، ވަރަށް ގިނަ މައްސަލަތަށް ވެސް ކުރިމަތިވާ ކިޔުއެކެވެ.

"ޕޮލިސް މީހާ އެދުވަހު އެތަނުގަ ނެތް. ޓެކްސީއެއް ނުލިބިގެން އަޅުގަނޑުވެސް ގޮސް ކިޔުއަށް އެރީ. އަޅުގަނޑުގެ ކުރިއަށް އޭރު ތިބި ދެ މީހުން. ދެން އެތަނުގައި ވެސް ވަރަށް ގިނަ އިރުވަންދެން ހުއްޓާ ވިލިމާލެ ޓާމިނަލާ ދިމާލުން އައި ބަޔަކު، އައި ގޮތަށް އައިސް އެރީ ކިޔު ފަޅައިލައިފައި އެންމެ ކުރިއަށް. އެވަގުތު ކުރީގަ ތިބީ ވަރަށް އުމުރުން ދޮށީ ދެމީހުން ވީމަ، ކިޔު ފެޅި މީހުންނާ ދިމާލަށް އެމީހުންނަށް ނުކެރުނު އެއްޗެއް ބުނާކަށް. އެކަމަކު އަޅުގަނޑު ގޮސް ބުނިން ހަމަ މިހާރު ފަހަތަށް ދާށޭ. ކިޔުގައޭ އެހެން މީހުން ވެސް މިތިބީ. އެމީހުން ކުރީގަ ތިއްބަސް ކާރަށް ނާރާނަމޭ ކިޔާފަ ވެސް އުޅުނީ ކާރު އައިމަ އަރަން ވެގެން. އަޅުގަނޑު އެމީހުން އެރިޔަ ނުދެން" ޓެކްސީ ކިޔުއިން ކުރެވުނު ތަޖުރިބާ ކިޔައި ދެމުން މީހަކު ބުންޏެވެ.

ގިނަ މީހުން ފާހަގަ ކުރާ ގޮތުގައި ޓެކްސީ ކިޔުގައި ހުއްޓަސް، ކާރެއް ލިބެނީ ވަރަށް އުނދަގުލުންނެވެ.

އާންމުންނަށް ކުރިމަތިވެފައިވާ މި މައްސަލައާ ގުޅޭގޮތުން ޖުމްލަ ގޮތެއްގައި ހާމަވީ، މާލެއިން ޓެކްސީއެއް ހޯދުމަކީ މިހާރު ވަރަށް ދަތިވެފައިވާ ކަމެއްކަމާއި، ގިނަ ފަހަރަށް ލިބެނީ ވެސް އެހެން މީހަކު ކުރާ ދަތުރަކާ ހިއްސާ ވެގެން ދަތުރު ކުރުމުގެ ފުރުސަތު ކަމެވެ. އިޖުތިމާއީ މި ބޮޑު މައްސަލައެއް ހައްލެއް ހޯދައިދިނުމަށް އާންމުންގެ ގިނަ ބަޔަކު ކަމާބެހޭ އިދާރާތަކަށް ގޮވައިިލައި އާދޭސް ކުރެއެވެ.

  1. މުސްތަފާ

    2122 ގައިވެސް 800ޓެކްސީޢޮވޭ އެތަނުން ބޭވުންވަނީ ޑްތްއިވްރުން ަްތުން ލާރި ހޯދުން ޚިދުމައިދޭކަށް ބޭނުމެއްނުވޭ

    • އައި ޖީ އެމް އެޗް އައްދޭބަލަ ނަންބަރެއް
      ހޯދަން ލިބޭތޯ އޭޑީކޭއައް ދޭބަލަ ނަންބަރެއް ހޯދަން ލިބޭތޯ

  2. ޝާފީ

    އަޅުގަނޑު އުޅެފިން ކަކުލުހުޅުގެ މައްސަލަ ޖެހިފަ ހުރި ބަލިމީހަކު ގޮވައިގެން ހިނގާފަވެސް ޓެކްސީ ނުލިބިގެން. މިއީ ހަމަ ވަރަށް ބޮޑު މައްސަލައެއް. ހިތަށް އަރާ އަލުން ބަސް ދަތުރުތައް ފައްޓަވާދެއްވާނެ ނަމައޭ.

  3. ޢަޒީ

    ޓަކުލީފަކައް ވެސް ނުވާނެ ހައްލުވެސް ލިބޭނެ 35ރ ނޫނީ 40ރ އައް ދަތުރުގެ ބޮޑުކުރުމުން ހުރިހާކަމެއް ހައްލުވީ. ޢަސްލު މާލެތެރޭގެ އަގު 25ރ ދަތުރަކައް ހޭދަވާ ވަގުތާ ބަލާފާ މާބޮޑައްވެސް ކުޑަ. މި ބަދަލު ގެނައުމުން މި ކަން ހައްލުވީ

  4. އަސްލު މައްސަލަ

    އަސްލު މައްސަލައިގެ ވާހަކަ ނުދައްކަނީ ކީއްވެބާ؟ އަހަންނަކީ ވެސް ޓެކްސީ ދުއްވާ މީހެއް. ޓައިމް ބޭސްޑް މަސައްކަތަކަށް ވާތީ ހުޅުމާލެއަށް 75 ރުފިޔާ އަޢް މަށެއް ނުދަން. ބުއްދީގެ ހަމައަށް ނުފެތޭ އަގުތަކެއްވީމަ.. އެންމެ ވިޔަފާރި ދަށަސް މާލެ މަގުމަތިން މާ ރަނގަޅު އެއްޗެއް ލިބޭ. ޓެކްސީ ނުލިބެނީ މިކުޑަ މާލެއަށް ނުތަކާ ވަރްށް މީހުން ފުނިޖެހީމަ ގަމާރު ނޫސް ލިޔާ މީހުންނަށް ނުކެރޭ އަސްލު މައްސަލަ ދެނެގަނެ ލިޔާކަށް.

    • ޟާހިލް

      މައްސަލަ އަކީ މާލެ ތޮއްޖެްއްސުމަށް ކުރާ މަސައްކަތް. މިހާރުވެސް ސަރުކާރުގެ ކިތައް އޮފީސް ތޯ ހުޅުމާލޭގައި ހުރީ! ޢޮފިސް ގަޑީގައި ބުރިމައްޗަށް އެރީމާ ހާލަތުއިގެނީ. ނާގާބިލް މީހުން ވެރިން ނަށް ތަންތާ ތިބެގެން ދުވަހަކުވެސް މިތަނެއް ރަގަޅެއް ނުޥާނެ!