އެމްޓީޑީއިން ވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)އިން ވެސް ކެނޑިޑޭޓަކު ނެރެން ނިންމައިފިއެވެ.
އެ ޕާޓީން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، އެމްޓީޑީއިން ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން މިމަހުގެ 27ގެ ކުރިން ޕާޓީގެ މެއިލްއަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައި މިވަނީ، އެ ދާއިރާ ތަމްސީލު ކުރެއްވި މެންބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. އެ މަނިކުފާނު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއިން ވެސް ވަނީ ކެނޑިޑޭޓުން ނެރެފައެވެ. ޕީޕީއެމްއިން ނިކުންނަކީ މޫސާ ފަތުހީއެވެ. އަދި އެމްޑީޕީއިން ނިކުންނަނީ މުޙައްމަދު ރާޝިދެއެވެ. އަދި އެމްއެންޕީއިން ނިކުންނަނީ އަބްދުލް ހަންނާން އިދުރީސްއެވެ.