Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުން ދީ ހޯމް މިނިސްޓްރީން އެއްބަސްވުމާ ޚިލާފުވެއްޖެ: ސިޓީ ކައުންސިލް

ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުން ދީ ހޯމް މިނިސްޓްރީން އެއްބަސްވުމާ ޚިލާފުވެއްޖެ: ސިޓީ ކައުންސިލް

މިރޭ އޮންނަ އެއްބައިވަންތަ ކަމުގެ ޖަލްސާ ބާއްވަން ހެދި އެއްބަސްވުމާ ހޯމް މިނިސްޓްރީން ޚިލާފުވެފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މޭޔަރ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް ހޯމް މިނިސްޓްރީ ކުރެން، އެ މިނިސްޓްރީއާ އެކު ބޭއްވި މީޓިންގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

"މީޓީންގައި ތަކުރާރުކޮށް އެދުމުން ވެސް، އެއްވެސް ބެލުމެއް ނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވިއެވެ،

Advertisement
Ooredoo — Square (box)

އެއްބައިވަންތަކަމުގެ ދުވަހު މިރޭ އޮންނަ ޖަލްސާގައި ރައީސް ޞާލިޙް ބައިވެރިވެ، ވަޑައިގަންނަވާނެއެވެ. މި ޖަލްސާއަށް ތައްޔާރުކުރުމަށް ޖުމްހޫރީ މައިދާނުގެ ވިނަގަނޑުމަތީ މިހާރު ހުރީ ބޮޑު ޓެންޓެއް ޖަހައިފައެވެ. އަދި ސްޓޭޖް ހަދާފައި ހުރީ ވެސް ވިނަގަނޑު މައްޗަށް އަރުވައިފައެވެ.

ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގައި ވިނަ ހައްދައި އެތަނުގެ އާބާތުރަ ފިލުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 16 ވަނަ ދުވަހުއެވެ.

މިއަދު ސިޓީ ކައުންސިލުން ވަނީ ހޯމް މިނިސްޓްރީން ކަންތައް ކުރިގޮތް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ވިނަގަނޑު ހަލާކުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ލިޔުމުން ވެސް ހޯމް މިނިސްޓްރީއަށް ދަންނަވައިފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ. މިގޮތަށް ލިޔުމުން ފޮނުވީ، ވިނަގަނޑު ބޭނުން ކުރުމަށް ހުއްދައަށް އެދުމުން ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

"ޖުމްހޫރީ މައިދާނުގައި ޓެންޓް ފަދަ ތަކެތި ޖެހުން މި ކައުންސިލުން މަނާކޮށްފައި ވަނީ ވިނަތައް ހެއްދުމަށް ޓަކައި ވަރަށް ބޮޑެތި ޚަރަދުކޮށްފައި ވުމާއި، ވިނަތަކަށް އެކަށީގެންވާ ގޮތަށް އަވި ނުލިބޭނެހެން ޓެންޓް ޖަހައިފައި ބެހެއްޓުމަކީ ވިނަގަނޑު ހަލާކުވެގެން ދާނެ ފަދަކަމެއް ކަމަށްވާތީ" ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެންގުމަށް އިޙްތިރާމް ކުރުމެއް ނެތި ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުންވާ ގޮތަށް ހޯމް މިނިސްޓްރީން ކަންތައް ކޮށްފައިވާތީ، އެކަން ކުށްވެރި ކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް