ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީން ދެ މިލިއަން ޑޮލަރު ދެނީ

ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހަށް ހުޅުވުމަށް ބޭނުންވާ ތަކެތި ގަންނަން ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އޭޕްރީލް މަސް އައުމުގެ ކުރިން ރަސްމީކޮށް މިސްކިތް ހުޅުވުމަށް ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށް ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގަވައިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ވަސީލަތްތައް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވަން ގިނަ ތާރީޚްތަކެއް ސަރުކާރުން ވަނީ ދީފައެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މިސްކިތް ހުޅުވުން އެކި ފަހަރުމަތިން ވަނީ ފަސްކޮށްފައެވެ.
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށި ސަލްމާން މިސްކިތަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު މިސްކިތެވެ.