ޚަބަރު

އައްޑޫސިޓީ ކައުންސިލްގެ މިއަހަރުގެ ބަޖެޓް ކަނޑައަޅައިފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އައްޑޫ ސިޓީ ކައުންސިލްގެ 2022ވަނަ އަހަރުގެ ފުރަތަމަ ޖަލްސާ-ފޮޓޯ ފޭސްބުކް

އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް 220 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

Ads by MWSC

ހޯމަ ދުވަހު ބޭއްވި އައްޑޫ ކައުންސިލުގެ ރަސްމީ ޖަލްސާގައި މި ބަޖެޓު ފާސްކުރީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި ބަޖެޓުގައި މި އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނީ 42 މިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވާއިރު ސަރުކާރުން ގްރާންޓްގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓްގައި ލަފާކޮށްފައިވެއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކައުންސިލަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 42 މިލިއަން ރުފިޔާގެ ތެރެއިން 37 މިލިއަން ރުފިޔާ އާބާދީގެ ނިސްބަތުން އައްޑޫގެ ހުރިހާ އަވަށްތަކަށް ބެހުމަށް ނިންމައިފައިވާ ކަމަށެވެ. މިއީ އައްޑޫގެ އަވަށްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ބަޖެޓު ބެހުމަށް ކައުންސިލުން ނިންމި ފުރަތަމަ ފަހަރު ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ އަވަށްތަކަށް ބަޖެޓު ބެހުމަށް ނިންމައިފައިވާ ގޮތް

މީދޫ، އާބާދީ 3015، 2.1 މިލިއަން ރުފިޔާ
ހުޅުދޫ، އާބާދީ 3726، 2.5 މިލިއަން ރުފިޔާ
ފޭދޫ، އާބާދީ 5786، 3.7 މިލިއަން ރުފިޔާ
މަރަދޫފޭދޫ، އާބާދީ 1909، 1.4 މިލިއަން ރުފިޔާ
މަރަދޫ، އާބާދީ 3850، 2.6 މިލިއަން ރުފިޔާ
ހިތަދޫ، އާބާދީ 16،566، 10.2 މިލިއަން ރުފިޔާ

މިދިޔަ އަހަރު އައްޑޫ ކައުންސިލުން އާމްދަނީގެ ގޮތުގައި 34 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14 މިލިއަން ރުފިޔާއެވެ. ނިޒާރު ވިދާޅުވީ މިފަހަރު އެގޮތަށް އެކަންވާން ނޭދޭ ކަމަށާއި ކައުންސިލަށް އާމްދަނީ ހޯދުމަށް ހާއްސަ އިސްކަމެއް ދޭނެކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި މިހާރު ކައުންސިލަށް އާމްދަނީ ލިބެނީ އައްޑޫގެ ބިންތަކުން ލިބޭ ކުލިން ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ކައުންސިލުން ކުރާ ހަރަދުތައް ކުޑަ ކުރުމަށް ވެސް ވިސްނުން ގެންގުޅޭ ކަމަށާއި މިހާރު އެންމެ ބޮޑު ހަރަދެއް ދަނީ ކަރަންޓަށް ކަމަށް ނިޒާރު ވިދާޅުވިއެވެ. އެކަމަށް ކުރާ ހަރަދު ކުޑަކުރަން ސޯލާއަށް ބަދަލުކުރުމުގެ ރޭވުންތައް ކުރިޔަށްދާކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ދޫކުރާ ގްރާންޓްގެ ގޮތުގައި ކޮންމެ މަހަކު ކައުންސިލަށް ލިބޭ ފައިސާއިން ފަސް ޕަސަންޓް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބަޖެޓްގެ ގޮތުގައި ދިނުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!