ޚަބަރު

އެޗްޕީއޭގެ ނިންމުންތަކުގެ ސަބަބުން މުއައްސަސާތަކަށް ރައްޔިތުންކުރާ އިތުބާރު ގެއްލޭ: ފައިސަލް

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއިން ނިންމާ ނިންމުންތައް އެކި ގޮތްގޮތަށް ނިންމަމުންދާތީ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކުއްލިއަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ ނަމަ ޕީސީއާރް ނައްސި ނަތީޖާއެއް އޮތުން އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށްފައެވެ. އެ ނިންމުމުގެ ސަބަބުން ސުންކު ނަގާ ސެންޓަރުތަކަށް ބާރުބޮޑުވެ، އެތައް ބަޔަކު ސުންކު ނަގަން ކިއުގައި ގިނައިރު ތިބެން ޖެހުމުން އެކަމުގެ ނުރުހުން އެޗްޕީއޭއަށް ވަނީ އަމާޒުވެފައެވެ.

އޭގެ ސަބަބުން އަނެއްކާ ވެސް އެޗްޕީއޭއިން ވަނީ ދެ ޝަރުތެއް ކަނޑައަޅައި، ނައްސި ޕީސީއާރަކާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ދެ ދުވަހުގެ ލުޔެއް ދީފައެވެ.

އެޗްޕީއޭގެ ނިންމުންތަކާ ގުޅޭ ގޮތުން ރާއްޖެޓީވީގެ “ފަލަ ސުރުޚީ” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ޕަބްލިކް ހެލްތުން ނިންމައި ނިންމުންތައް އެއްގޮތަކަށް ނިންމަންޖެހޭ ކަމަށާއި ނޫން ނަމަ ރައްޔިތުންނަށް އޮޅުން އަރާގޮތް ވާނެ ކަމަށެވެ. އަދި އެ އިދާރާއަށް ރައްޔިތުންކުރާ އިތުބާރު ވެސް ގެއްލޭނެކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ “އޮމިކްްރޮން” ވޭރިއަންޓުގެ ނުރައްކަލުން ސަލާމަތްވެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށާއި އެޗްޕީއޭއިން އަޅައިފައިވާ ފިޔަވަޅުތަކަށް ބޯލަނބައިގެން ކަމަށެވެ.

މީގެ އިތުރުން އޮމިކްރޯން ވޭރިއަންޓަކީ މައިލްޑް ވޭރިއަންޓަކަށް ވިޔަސް އެކި މީހުންނަށް ބަލީގެ އަސަރުކުރާ މިންވަރު ތަފާތުވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މާބަނޑު މީހުންނާއި ކުޑަކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ބަލީގެ އަސަރު ކުރާ މިންވަރު ތަފާތުވާނެކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން އެއީ މުހިންމު ކަމެއްކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

Ads by Ooredoo
  1. ސުންބުލި

    ހެޗްޕީ އޭއިން ގޮތް ނުނިންމަވީ ދޯ. ބަލިހާލަތު ބަދަލުވާގޮތަކުން ނިންމުން ބަދަލުވާން ޖެހޭނެހެން ހީވަނީ.

  2. ީިއިބުރާހިމް ރަޝީދު

    ސަރުކާރުގެ ގޮތްނިއްމަން އެޗްޕީއޭއަށް ޤާނޫން ދެއްވާފައިވާ އަމުރުނެރުއްވީމަ އެއަށް އަމަލުކުރަންތިބި ރައްޔިތުން ބައިބައިވާ ތިކަހަލަ ލިއުންތަކުން އެޗްޕީއޭއަށް ވަރަށް ދަތިވެދާނެއެވެ.