ޚަބަރު

ކުނިގޮނޑުގެ ދުމުގެ ތެރެއިން ފޯކައިދޫން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯއްވުމަށް އެ ދާއިރާގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ށ. ފޯކައިދޫން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

Ads by STELCO

ރައީސް ޔާމީން އެ ރަށަށް ވަޑައިގަންނަވަން ދެ ގަޑިއިރަށް ހައިއިރު ވެފައި ވަނިކޮށް، އެރަށު ބަނދަރު ސަރަހައްދުގައި އޮންނަ ކުނިގޮނޑެއްގައި ވަނީ ރޯކޮއްލައިފައެވެ. ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިބި މީހުން ބުނަމުން ދަނީ މިގޮތަށް ކަންތައް ކޮށްފައި ވަނީ، ޖެއްސުމަށް ކަމަށެވެ.

ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވި އިރު ވެސް ދުމުގެ އަސަރު ބަނދަރު ސަރަހައްދުގައި ހުއްޓެވެ. އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޔާމީން ވަނީ މިއަދު ހެނދުނު މަރޮއްޓަށް ވެސް ވަޑައިގެންފައެވެ. އެ ރަށުން ވެސް އެ މަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

މަރޮއްޓަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ފާއިތުވެދިޔަ 15 އަހަރު ކޮމަންޑޫ ދާއިރާގެ ގޮޑި އެމްޑީޕީއަށް ރައްޔިތުން ދިން ކަމަށާއި ނަމަވެސް ތަރައްޤީ އެ ރަށަށް އައީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށެވެ. އަދި މަރޮށީގައި ގާއިމްކޮށްފައިވާ ގިނަ ބިނާތައް މިއަދު ވީރާނާވެގެންދާ އިރު އެ ތަންތަނަށް މިސަރުކާރުން ސަމާލުކަމެއް ނުދޭކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަންނަ މަހު ފަސްވަނަ ދުވަހުއެވެ. ޕީޕީއެމްގެ އިތުރުން މި ދާއިރާއަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީން ކެނޑިޑޭޓަކު ވަނީ މި އިންތިޚާބަށް ނެރެފަައެވެ. މި ތިން ޕާޓީން ވެސް މި ދާއިރާގެ ރަށްތަކުގައި ގެންދަވަނީ ވަރުގަދަ ކެންޕެއިންތަކެއް ކުރައްވަމުންނެވެ.

Ads by Ooredoo
  1. ބިގް ބޮސް

    ސާބަހޭ ޔާމީން

  2. އައިސް

    ސާބަސް ޔާމީން