ޚަބަރު

ސާލިމްގެ އިއުތިރާފާ ގުޅިގެން މަހްމޫދުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ. ދަނގެތީގައި ރަހުމް ކުޑަ ގޮތަކަށް މަރައިލި އެ ރަށު މޮނަލާލްސް މަހްމޫދު އަބޫބަކުރު (57އ.) މަރައިލި ކަމަށް، ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިއުތިރާފުވުމުން، މަހްމޫދުގެ އާއިލާއިން ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފިއެވެ.

Ads by STELCO

ތޫނު ހަތިޔާރު ބޭނުން ކޮށްގެން މަހްމޫދު ރަހުމް ކުޑަ ގޮތަކަށް މަރައިލުމަށް ފަހު، އޭނާގެ ހަށިގަނޑު ގޯންޏަކަށް ލައިފައި ސާލިމް ވަނީ އެ ރަށުގައި ހުރި ފަޅު ގެއެއްގެ ވަޅެއްގެ ތެރެއަށް އެއްލައިލައިފައެވެ.

ދަނގެތީގައި ވިޔަފާރިކުރަމުން ދިޔަ މަހްމޫދު މަރައިލީ، އޭނާގެ އަތުގައި ހުރި ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ކަމަށް ސާލިމް ވަނީ މީގެ ކުރިން ފުލުހުންގެ ތަހުގީގުގައި ވެސް ބުނެފައެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާލިމް ވަނީ، މަހްމޫދު މަރައިލި ކަމަށް އަމިއްލައަށް އެއްބަސްވެފައެވެ.

ސާލިމްގެ އިއުތިރާފާ ގުޅިގެން އާއިލާގެ ފަރާތުން "ދެން"އަށް މައުލޫމާތު ދެމުން، މަހްމޫދުގެ އަނބިމީހާ މޫމިނާ އުމަރުގެ ބޭބެ، އަބްދުލްއަޒީޒް އުމަރު ބުނީ، އާއިލާގެ ފަރާތުން ބޭނުން ވަނީ މަރަށް މަރު ކަމަށެވެ.

"ހުރިހާ ވާރިސުން ވެސް ބޭނުން ވަނީ ހަމަ މަރަށް މަރު. ވާރިސުން ވާނީ އެކަން މަހްމޫދުގެ ވަކީލު މެދުވެރިކޮށް މިހާރު ކަމާ ބެހޭ ފަރާތްތަކަށް އަންގައިފައި، އެގޮތުން ފުލުހުންނަށް ވެސް އެކަން ވާނީ އަންގައިފައި" އަބްދުލްއަޒީޒް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްމޫދުގެ މަރާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތަށް އާއިލާގެ ފަރާތުން ނުވަދެވުނުކަން ވެސް އަބްދުލްއަޒީޒް ވަނީ ހިތާމައާ އެކު ފާހަގަ ކޮށްފައެވެ. އެ ގޮތުން އަބްދުލްއަޒީޒް ބުނީ، އެންމެ ފުރަތަމަ ބުނީ މިއަދު ހެނދުނު 9:30ގައި އަޑުއެހުން އޮތް ކަމަށާއި އެއް ގަޑިއިރު ކުރިން ކޯޓަށް ވަންނަން ފޯމު ލުމަށް ކަމަށެވެ. ނަމަވެސް އެވަގުތު ކްރިމިނަލް ކޯޓުން ފޯމު ބަލައިގަތް މީހާ ވިދާޅުވީ ޝަރީއަތް 11:00އަށް ފަސް ކުރެވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެވަގުތު ކައިރިވުމުން، ކޯޓުގެ އެހެން މީހަކު އައިސް އެ ޝަރީއަތް މިހާރު ނިމެން ކައިރިވެއްޖެކަމަށް ވިދާޅުވި ކަމަށާއި ޝަރީއަތް ފެށުނީ 9:30ގައި ކަމަށް ވިދާޅުވިކަމަށް ވެސް ބުންޏެވެ.

އަބްދުލްއަޒީޒް ބުނީ، 11:00ގައި ކަމަށް ބުނެވުނީ، އެމީހުން ދިޔައީ މިއަދު އޮތް "ޔާމީން ރަޝީދުގެ އަޑުއެހުމަށް ވަންނަން ކަމަށް ހީކޮށް" ކަމަށް ފަހުން އެ ކޯޓުން ފޯމާ ހަވާލުވި މީހާ ބުނިކަމަށެވެ.

މަހްމޫދުގެ މަރުގެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 28ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށާއި އެ ދުވަހު އަލުން ކޯޓަށް ވަދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އަބްދުލްއަޒީޒް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!