މިފްކޯއިންވެސް ތެލުގެ އަގު ބޮޑުކޮށްފި
މިފްކޯއިން އާންމުންނަށާއި މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ވެސް ބޮޑު ކޮށްފިއެވެ.
މިފްކޯއިން ޑީސަލްގެ އަގު ބޮޑުކުރުމުން މިއަދުން ފެށިގެން މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލިޓަރެއް ވިއްކާނީ 12.08ރ. އަށެވެ. އަދި އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 14.26ރ.އަށެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މަސްވެރިންނަށް މިފްކޯއިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 9.03ރ.އަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19ރ. އަށެވެ.
މިފްކޯއިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުގެ ސަބަބުންނެވެ.
މިފްކޯގެ އިތުރުން އިއްޔެއިން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން ވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.
އެފްއެސްއެމުން ތެލުގެ އަގު ބޮޑުކުރުމުގެ ސަބަބުން މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 12.06ރ. އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ބޮޑު ކޮށްފައި ވަނީ12.44ރ. އަށެވެ.
މިއަހަރު ފެށުނު އިރާ އަޅައިބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދިހަ އިންސައްތައަށް އުފުލިފައެވެ. އެގޮތުން މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 87.35 ޑޮލަރު (1،346ރ.) ގައެވެ.