މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ދައްކަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއް: އުމަރު ނަސީރު
މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ދެކޮޅުނުޖެހޭ ވާހަކަަތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ މޫނުބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވާދިނުމާ ދެކޮޅަށް ދައްކަނީ ދެކޮޅު ނުޖެހޭ ބަހަނާތަކެއް ކަމަށާއި މިއީ ހުޅަނގުގެ ގައުމުތައް ރުއްސުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާ އިރު މިފަދަ ކަންކަން މަނާކުރެވިގެން ނުވާނެކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވެފައި މިވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މޫނު ބުރުގާގެ އަޅައިގެން ކިޔަވައިދިނުމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނީ މޫނު ބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ޖަނަވަރީ 201 އިން ފެށިގެން ދީފައިވާ ކަމަށާއި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އޭގެ ކުރިން ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިހާރު ސްކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުން ވެސް ހިމެނޭ ކަމަށާއި އެބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާ މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މިނިސްޓްްރީން ބުނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައި ވަނީ ކިޔަވައިދޭ ވަގުތު މޫނު ފެންނަ ގޮތަށް ކަމަށެވެ. އަދި މިގޮތަށް ކަނޑައަޅަފައި ވަނީ ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައި މުދައްރިސުގެ ހަރަކާތްތައް މުހިއްމު ދައުރެއް އަދާކުރާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ވަރަށްގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.