ޚަބަރު

ކުށްކުރާ ކުދިން ބަންދުގައި ބައިތިއްބަން ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައްސޭރި ޖަލު/ ފޮޓޯ: ސަން

ކުށްކުރާ ކުޑަކުދިން ބަންދުގައި ބައިތިއްބަން، އަދުލުގެ ގާނޫނުގައި ހަދަން ލާޒިމު ކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިންމަފުށީ ޖަލުގައި ގާއިމް ކޮށްފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ބުނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގައި ބަޔާން ކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމު ކުރުމަށް އެ މާއްދާގެ (ށ)އިން މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މައްޗަށް ލާޒިމު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކ. ހިންމަފުށީ އައްސޭރި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް މިއަދު ގާއިމުކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން އެކަން އާންމުކޮށް އަންގާ ހޯމް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ، ކުޑަކުދިންގެ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުން ދާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ދެވައްތަރެއްގެ މަރުކަޒެއް ގާއިމް ކުރަން ޖެހެއެވެ.

އޭގެ ތެރެއިން އެއް ވައްތަރުގެ ސެންޓަރަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ.

އަނެއް ވައްތަރުގެ މަރުކަޒަކީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެވެ. މިއީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަން ޖެހޭ ނަމަ ބަހައްޓަން ޖެހޭ މަރުކަޒެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!