ޖުމްހޫރީ މައިދާން ހުޅުވޭނީ ވިނަގަނޑަށް ލިބުނު ގެއްލުންތައް ރަނގަޅު ކުރުމަށް ފަހު: ސިޓީ ކައުންސިލް

ޖުމްހޫރީ މައިދާން ދެން ހުޅުވޭނީ އެތަނުގެ ވިނަގަނޑަށް ލިބުނު ގެއްލުންތައް ރަނގަޅު ކުރުމަށް ފަހުގައި ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖުމްހޫރީ މައިދާނުގެ ވިނަ އިންދާ ރީތިކޮށް ޒީނަތްތެރި ކުރުމަށް ޓަކައި އެ ކައުންސިލުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާން ސަރަޙައްދު ރީތި ކުރަން ފެށީ މި ފާއިތުވި ތިން އަހަރު އެ ސަރަޙައްދަށް އަޅައިނުލައި، ވަރަށް ބޮޑަށް ހަލާކުވެ ވިނަތައް ވެސް މަރުވެފައި ވަނިކޮށް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވައި އަލުން ހުޅުވައިލުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލުން ވަނީ އެ ސަރަޙައްދުގައި އަލުން ވިނަތައް އިންދައިފައެވެ. ނަމަވެސް ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާތީ ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަގަނޑު މަތީ ނުބެހެއްޓުމަށް ހޯމް މިނިސްޓްރީގައި ތަކުރާރުކޮށް ސިޓީ ކައުންސިލުން އެދުނު ކަމަށާއި، އެހެން ނަމަވެސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވިއިރު އެއްވެސް ބެލުމެއް ނެތި ވިނަ ގަނޑަށް ގެއްލުންވާނެހެން ޢަމަލު ކުރުމުގެ ސަބަބުން ވިނަގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިކަން މާލެ ސިޓީ ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
<img class="alignnone wp-image-138470 size-full" src="https://cdn.dhen.mv/wp-content/uploads/2022/01/IMG-20220131-WA0000.jpg" alt="" width="1280" height="960" />
މިކަމާ ގުޅިގެން މީގެ ކުރިން ވެސް މާލޭގެ މޭޔަރ މުހައްމަދު މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައި ކަމަށާއި، އެއްވެސް ބެލުމެއް ނެތި މިގޮތަށް އަމަލުކޮށްފައި ވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް މޭޔަރ މުޢިއްޒު އޭރު ވިދާޅުވި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ކަމަށްވީއިރު، މިސަރަޙައްދު ރީތިކޮށް ބޭއްވުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މިންނެތް މަސައްކަތަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުންނާއި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުން އެއްބާރުލުން ދެއްވުމަކީ މާލެ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް" މާލެ ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް ޒީނަތްތެރި ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޖުމްހޫރީ މައިދާނުގެ ފެންވާރާއި ވަށައިގެންވާ ބުރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
އެހެން ނަމަވެސް މިހުރިހާ ބަދަލަކާ އެކު އަލުން ޖުމްހޫރީ މައިދާން އާންމުކޮށް ހުޅުވައިލެވޭނީ ވިނަގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅު ކުރުމަށް ފަހުގައި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.







ކޮމެންޓް