ވަޒީފާގެ ބިރު ދެއްކި ފެނަކައިގެ ވެރިޔަކާ ދެކޮޅަށް އެމްޑީޕީ އެކްޓިވިސްޓުން ނިކުމެއްޖެ

އިއްޔެ އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ވޯޓު ނުދީފި ނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ފެނަކަ މުވައްޒިފުންނަށް ބިރު ދެއްކި އެ ކުންފުނީގެ އޮޕަރޭޝަން ހެޑް ، ޒާހިރު އުސްމާނާ ދެކޮޅަށް އެމްޑީޕީ އެކްޓިވިސްޓުން ނިކުމެއްޖެވެ.
އެމްޑީޕީ އެކްޓިވިސްޓުން ބުނަމުން އަންނަނީ ޒާހިރަކީ ޕީޕީއެމް މީހެއް ކަމަށެވެ. އަދި ޕީޕީއެމް ވެރިކަމުގައި ވެސް އޭނާ އެފަދައިން ވޯޓް ދިނުމަށް ވަޒީފާގެ ބިރު ދައްކަމުން އައި ކަމަށް ޓްވިޓަރގައި ޚިޔާލު ފާޅު ކުރާ ފަރާތްތަކުން ބުނެއެވެ
އިއްޔެ ލީކްވި އޯޑިއޯގައި ޒާހިރު ބުނެފައި ވަނީ ވޯޓް އެމްޑީޕީއަށް ނުދީފިނަމަ ވަޒީފާއިން "ކަނޑައި ވައްޓައިލާނެ" ކަމަށެވެ.
"ރާޑޯއަކަށް ނޫން މިވޯޓު ހޯދަނީ. މިވޯޓު ހޯދަނީ ތިލަފަތަށް. އެއްގޮތަކީ ރާޑޯއަށް ލާން ބޭނުން ނުވާ ނަމަ ވޯޓު ނުލާ ވެސް ހެދޭނެ ގޮތްގޮތް އޮންނާނެ. އެމީހަކު ވޯޓުލާން ނުދާނީ. މިބުނީ އޮޕްޝަންތަކެކޭ މިދިނީ." އޯޑިއޯގައި ޒާހިރު ބުނެފައިވެއެވެ.
މި މައްސަލައިގައި ފެނަކައިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.