ނަރުހުންގެ މައްސަލަތައް ހައްލުކުރަން ކޮމިޓީއެއް އުފައްދަނީ

އެކި ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.
ނަރުހުންގެ ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭގޮތުން، ނަރުހުންގެ ޖަމިއްޔާއިން އިއްޔެވަނީ ހެލްތު މިނިސްޓްރީގެ ކަމާ ގުޅޭ ވެރިންނާ ބައްދަލުކޮށް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލުމާތު ދެއްވަމުން، ނަރުހުންގެ ޖަމިއްޔާގެ ރައީސް އާމިނަތު ނަޝްފާ ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގައި މަސައްކަތް ކުރާ ނަރުހުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ މުސާރައިގެ މައްސަލަ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަސްމީ ޑިއުޓީ ގަޑީގެ ބޭރުން ބައެއް ފަހަރު އިތުރު ގަޑިތަކުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ. އެކަމަކު އިތުރު ގަޑީގެ ފައިސާ ލިބުމުގައި ގޮންޖެހުންތައް ބޮޑު،" ނަރުހުންގެ ޖަމިއްޔާގެ އޮފިޝަލަކު ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ނަރުހުންގެ މައްސަލަތައް ހައްލުކުރަން ކޮމިޓީއެއް ނަގަން ނިންމީ ނަރުހުންގެ ޖަމިއްޔާއާއި، ހެލްތު މިނިސްޓްރީއާއި، ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ ބޭފުޅުން ހިމެނޭ ގޮތަށެވެ.