މާލޭގެ މިސްކިތްތައް މަރާމާތު ކުރުމުގައި އެހީވުމަށް ޑރ.ޝަހީމް ގޮވައިލައްވައިފި

މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފައެވެ. މިގޮތުން 32 މިސްކިތެއް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން އަމާޒު ހިފައިފައިވާއިރު، މިކަމުގައި އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލައިފައެވެ.
އެގޮތުން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތުގައި ވިޔަފާރިވެރިންނާއި އާންމުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަަމަށެވެ. އަދި މިކަމުގައި، ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ މޭޔަރުގެ ގޮވައިލެއްވުމަށް އިޖާބަ ދިނުމަށް އާންމުންނަށް ގޮވައިލައްވައިފައެވެ.
"މިސްކިތްތަކަކީ މާތްﷲގެ ގެކޮޅުތައް. އެތަންތަން މަރާމާތު ކުރުމަށް އެހީތެރިވުމަކީ ނުހަނު ސަވާބާއި ދަރުމަ ހުރި ކަމެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ދިނީ އެއް މިލިއަން ރުފިޔާގެ ކުޑަ ބެޖެޓެކެވެ.