ވިޔަފާރި

ދިރާގުން ރާއްޖެ ބައިނަލްއަގުވާމީ ސުޕަރ ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅައިލަނީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިރާގުން ، ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުން ފަށައިފިއެވެ.

Ads by Hajj Corporation

ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅައިލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމްއާ  ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅައިލުމަށް ހަމަޖެހިފައިވެއެވެ. ސިންގަޕޫރުން ފެށިގެން ފްރާންސާ ހަމައަށް ގުޅައިލެވޭ މި ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ނިމޭނެއެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީ.ބީ.ޕީ.އެ.ސް ގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭނެ ވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. އަދި މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝިއާއާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖުތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މިމަޝްރޫޢުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުޢާސަލާތީ އަދި ޑިޖިޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ޚިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެއެވެ.

ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖެގައި އިންވެސްޓުކުރާ ވިޔަފާރިތަކަށް ވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމެކެވެ. ދިރާގުން މަސައްކަތްކުރަމުންދަނީ 5ޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާރޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގު ފަހިކޮށްދިނުމަށެވެ.

ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ. އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި ޙާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއް ކަމަށާއި އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށް ވެސް ގިނަ ފައިދާތަކެއް ކުރާނެކަމުގައި ވިދާޅުވިއެވެ. ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވައިލެވުމުގެ ސަބަނުން، އިންޓަރނެޓްގެ ސްޕީޑާއި  ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަން ފާހަގަކޮށްލެއްވިއެވެ.

ދިރާގަކީ ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ދިރާގުގެޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!