މަޝްވަރާ ކޮށްގެން ޔޫކްރޭންގެ މައްސަލަ ހައްލު ކުރުމަށް ޝާހިދު ގޮވައިލައްވައިފި
މަޝްވަރާކޮށްގެން ޔޫކްރޭންގެ މައްސަލަ ހައްލު ކުރުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވައިލައްވައިފިއެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ފަށައިފައިވާ ހަނގުރާމައާ ގުޅޭ ގޮތުން އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އދ.ގެ 76 އަހަރުވީ މާޒީން ވެސް ލިބުނު ފިލާވަޅަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައަކުން ދާއިމީ ސުލްހައެއް ނުލިބޭނެކަން ކަމަށާއި، ދާއިމީ ހައްލެއް ލިބޭނީ ސިޔާސީ ހައްލަކުން ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން އިންސާނުންނަށް އެތައް އަނިޔާއާއި ވޭން ކުރިމަތިވުމުގެ އިތުރުން އިޤްތިޞާދީ ގޮތުން ވެސް ނިކަމެތިވެގެން ދާނެކަން ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައިވެއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އިގްތިސާދު އަލުން ކޮޅަށް ޖަހައި ބޮޑެތި ހަރަދުތައް ވެސް ކުރަން ޖެހޭއިރު މި ހުރިހާ ކަމަކުން މިންޖުވާން އޮތް ގޮތަކީ ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން ރައްކާތެރިވެގެން ތިބުން ކަމަށެވެ.
"ޑިޕްލޮމަސީއާއި، އިސް ފަރާތްތަކުގެ މަދަދާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތިބި ފަރާތްތަކަށް އިސްކަން ދެމާތޯ؟ ސުލްހައަށް ހައްގުވާ ހުރިހާ ފުރުސަތެއް އަޅުގަނޑުމެން ދެމާތޯ" އދ.ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އ.ދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަގްސަދުތަކާއި، އެ ޗާޓަރުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ، ދާއިމީ ސުލްހައެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގުކަމަށެވެ. އަދި މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް ވެސް ޝާހިދުގެ ވާހަކަފުޅުގައި ގޮވައިލެއްވިއެވެ.