ޚަބަރު

ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރެވޭ ގޮތަށް ހަކަތައިގެ ސިޔާސަތު ބައްޓަން ކުރަން ޖެހޭ: މިނިސްޓަރ ޝައުނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތުން ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރެވޭ ގޮތަށް ހަކަތައިގެ ސިޔާސަތު ބައްޓަން ކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓަކައި، ސްޓެލްކޯގެ މެނޭޖަރުންނަށް ބާއްވާ "ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް" މިއަދު އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ހަކަތަ އިގްތިސޯދު ކުރަން އަބަދާ އަބަދު ރައްޔިތުންނަށް ހަނދާންކޮށްދީގެން ނަމަވެސް ހަކަތައަށް ކުރާ ހޭދަ ކުޑަކުރަން ޖެހޭ ކަމަށެވެ.

މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ކުރި މަސައްކަތްތަކަށް ފަހު ހަމަޖެހިލެވުނީ ދާދި އިހަށް ދުވަހު ކަމަށާއި އެކަމަކު މާލެ ސަރަހައްދުގައި ހަކަތަ ބޭނުންކުރާ ވަރު އިތުރުވާ ނިސްބަތް ހުރި ގޮތުން ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ޓަކައި ގިނަވެގެން ދެ އަހަރުގެ ތެރޭގައި ހަމައެކަނި މާލެއަށް ސްޓެލްކޯއިން އަނެއްކާ ވެސް އިންވެސްޓް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެބަދަލު އަތޮޅުތަކުން ވެސް ފެންނާނެ ކަމުގައި މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ޔުޓިލިޓީ ޚިދުމަތްތަކަށް ހަރަދު ކުރާ ގޮތަށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކުރަން ވެސް ހަރަދުކުރަން ޖެހޭ ކަމަށާއި އެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީންކޮށް ޒަމާނީ ވަސީލަތްތައް ހޯދައި ގާއިމުކުރަންޖެހޭ ކަމަށެވެ.

"ތެލަށް އަހަރެމެން ކުރާ ޚަރަދު އިތުރުވާނަމަ އެއީ، ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފައިސާ. އެ ފައިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ރާއްޖެއެއް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ދިވެހިރާއްޖެއަށް އެބަލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުންދާ ކަމަށެވެ. އަދި އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލްވެފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!