ރިޕޯޓް

އަންހެނުންގެ ދުވަސް، ތާރީޚަށް އަވަސް ކަޅިއެއް

  • ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރާތާ 111 އަހަރު ވެއްޖެ
  • އދ އިން ރަސްމީކޮށް މިދުވަސް ފާހަގަކުރަންފެށީ 1975 ވަނަ އަހަރު
  • މިއަހަރުގެ ޝިއާރަކީ ބްރޭކް ދަ ބަޔަސް
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

"ދެޖިންސުގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުންނާއި އަންހެން ކުދިން ބާރުވެރި ކުރުވުމަކީ އަހަރުމެންގެ ވަގުތުގައި ނުނިމިއޮތް މަސައްކަތެއް. މިއީ އިންސާނީ ހައްގުތަކުގެ ތެރެއިން މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ގޮންޖެހުން" އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވިއެވެ.

Ads by STELCO

ދެޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުމަކީ އދ.ގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތަކެވެ. އެޖަމިއްޔާއިން ވަނީ އެ މެންޑޭޓު "ސެންޓްރަލް ޓު ދަ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ގޯލްސް"ގައި ހިމަނައިފައެވެ. އެއަށް ވުރެ ތިލަކޮށް ދަންނަވާ ނަމަ ދެމެހެއްޓެނިވި ތަރައްގީއަށް އެންމެ މުހިންމު އެއް އަމާޒަކީ ދެޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުންކަމުގައި ވަނީ ކަނޑައަޅައިފައެވެ.

ކޮންމެ އަހަރެއްގެ މާޗު މަހުގެ 8ވަނަ ދުވަހަކީ މިދަންނަވާ އަމާޒަށް ވާސިލްވުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ފާހަގަކުރާ ދުވަހެވެ. މިދުވަހު އެންމެ ބޮޑު އިސްކަމެއް ދޭންވީ ދެޖިންސުގެ ހަމަހަމަކަން ގާއިމްކޮށް ޖިންސީ ތަފާތުކުރުން ނައްތައިލުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ހާސިލްކުރެވުނު މިންވަރު ވަޒަންކުރުމަށެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ފެށުނުގޮތް

އަންހެނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާޗު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަން ފެށީ 1909ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ހަމައެކަނި އެމެރިކާގައެވެ. ޖެހިގެން އައި އަހަރު މަސައްކަތްތެރި އަންހެނުންގެ ހާއްސަ ކޮންފަރެންސެއް ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވިއެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓު ކްލާރާ ޒެޓްކިން އެ ދުވަހު ގޮވައިލެއްވީ ބައިނަލްއަގުވާމީ ގޮތުން އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށެވެ. މަގްސަދެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އަންހެނުންގެ އަޑު އުފުލުމުގެ ހައްގު ހޯދައިދިނުންކަމަށެވެ.

ކްލާރާގެ މި ހުށަހެޅުން ފާސްކުރީ އެ ކޮންފަރެންސްގައި ބައިވެރިވި 17 އަންހެނުންގެ ވޯޓުންނެވެ. އޭގެ ތެރޭގައި ފިންލޭންޑުގެ އެންމެ ފުރަތަމަ ތިން އަންހެން މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1911ވަނަ އަހަރެވެ. މާޗު 8 ވަނަ ދުވަހަކީ އަންހެނުންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅީ 1913ވަނަ އަހަރެވެ. އދ ގައި މިދުވަސް ފާހަގަކުރަން ފެށީ 1975ވަނަ އަހަރެވެ.

ދުނިޔޭގައި މިދުވަސް ފާހަގަކުރަނީ ކިހިނެއް؟

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިދުވަސް ފާހަގަކުރަނީ ސަރުކާރު ބަންދު ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ. ބައެއް ގައުމުތަކުގައި މިދުވަސް ބޮޑެތި ހަރަކާތްތައް ބާއްވައި ފާހަގަކުރެއެވެ. ރާއްޖެ ހިމެނޭހެން އަނެއް ބައި ގައުމުތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރަނީ ރަތްދޫލައިގައި ފިނިފެންމަލުން އަންހެނުންނަށް މަރުހަބާ ކިޔަމުންނެވެ. އެކި ވަރުގެ ހަދިޔާތައް ވެސް މިދުވަހު އަންހެނުންނަށްދީ ހަދައެވެ.

1914ވަނަ އަހަރުގެ މާޗު މަހުގެ 8ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި އަންހެނުންނަށް ވޯޓު ދިނުމުގެ ހައްގު ދިނުމަށް ގޮވައިލައި ބޮޑު ހިނގާލުމެއް ބޭއްވިއެވެ. އެ ހިނގާލުމުގައި އެންމެ އިސްކޮށް ބައިވެރިވި ސިލްވިއާ ޕަންކުރުސްތު ހިނގާލުމުގެ ތެރެއިން ހައްޔަރު ކުރިއެވެ. މިއީ މިދުވަސް ފާހަގަކުރާ ގޮތަށް ބޮޑު ބަދަލެއް ގެނުވި ހާދިސާއެކެވެ.

އޭގެ ފަހުން 2001ވަނަ އަހަރު އަންހެނުންގެ ދުވަސް ފާހަގަކުރުން އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި ހާއްސަ ވެބްސައިޓެއް ތައާރަފުކުރިއެވެ. މިވެބްސައިޓު މެދުވެރިކޮށް އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ފުޅާ ދާއިރާއެއްގައި ދައްކަން ފެށިއެވެ. އަދި އެކަންކަމަށް ހައްލު ހޯދާނެ ގޮތުގެ ވާހަކަ ވެސް ދައްކަން ފެށިއެވެ.

2011ވަނަ އަހަރު އެމެރިކާގެ ކެބިނެޓުން ވަނީ މުޅި މާޗު މަހަކީ އަންހެނުންގެ ތާރީހީ މަހެއްގެ ގޮތުގައި ފާހަގަކުރަން ނިންމައިފައެވެ. އެގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ތާރީހުން ފެންނަން އޮތް އެއް ކަމަކީ އަންހެނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދެވިއްޖެކަމުގައި ވަނީ ނަމަ ގައުމެއްގެ އިގްތިޞާދުގައި އެމީހުން ބައިވެރިކުރެވިދާނެ ކަމަށެވެ. އަދި އިގްތިޞާދުގައި އަންހެނުން ބައިވެރިކުރެވޭ ނަމަ އެގައުމެއް ތަރައްގީވެ، ސަރުކާރުން ދެވޭ ހިދުމަތްތަކުގައި އެންމެހައި ރައްޔިތުން ބައިވެރިކުރުވޭނެކަމަށް އޮބާމާ ވިދާޅުވިއެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ކޮބާ؟

ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހައް ތަފާތު ޝިއާރެއް ކަނޑައަޅައެވެ. މިއަހަރުގެ ޝިއާރު ކުރުކޮށް ދަންނަވާނަމެވެ. "#BreakTheBias"އަކީ ސޯޝަލް މީޑިއާއަށް ހާއްސަކުރި ހޭޝްޓެގެވެ.

ދެން، މި ޝިއާރު ތަންކޮޅެއް ދިގުކޮށް ތަފްސީލުކޮށްދޭނަމެވެ. ބަޔަސް ނުވަތަ ވަކި ފަރާތައް ޖެހުމަކީ ގިނަފަހަރަށް ގަސްތުގައި ކުރާ ކަމެއް ނޫނެވެ. މިއީ ބޭއިހްތިޔާރުގައި ގިނަ މީހުންނަށް ކުރެވޭ ކަމެކެވެ. މިސާލަކަށް ދަންނަވާ ނަމަ ބައެއް ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް ތަފާތުކުރުން ގެންގުޅެއެވެ. އަނެއްބައި ގައުމުތަކުގައި އަންހެނުންނަށް އުޖޫރަ ދިނުމުގައި ވެސް ތަފާތުކުރުން ގެންގުޅެއެވެ. ކުރުކޮށް ދަންނަވާ ނަމަ ބިއްލޫރި ފަންގިފިލާގެ ހިޔަލުގައި ތިބި އަންހެނުންގެ އަދަދު އަދިވެސް ވަރަށް މަދެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު އަޑު އުފުލަންވީ މިދަންނަވާ ދެޖިންސުގެ ތަފާތުކުރުންތައް ނައްތައިލުމަށެވެ. އަދި އަންހެނަކަށް ވީތީ ވަކިކަމެއް ނުކުރެވޭނެކަމަށް ބުނާ ބުނުމާއި، މުޖުތަމައުގެ ވަކި ވަކި ރޯލުތަކަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ރޯލުތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށެވެ. މިފަދަ ތަފާތުކުރުމެއް ފެންނަ ކޮންމެ ފަހަރަކު އެކަމާ ދެކޮޅަށް އަޑު އުފުލުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!