ޚަބަރު

"އެމްޑީޕީގެ ރަށްރަށުގެ އޮފީސްތައް ހިންގަނީ އާއްމު މެންބަރުންގެ ފައިސާއިން، ދައުލަތުންދޭ މިލިޔަން ރުފިޔާއިން ލޯ ލާރިއެއް ވެސް ނުދޭ"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަތޮޅުތަކުގައި ހުންނަ ރަށްރަށުގެ އޮފީސްތަކާއި ހަރުގެތައް ހިންގަނީ އާއްމު މެންބަރުންގެ ފައިސާއިން ކަމަށާއި ޕާޓީ ހިންގުމަށް ދައުލަތުން މިލިޔަނުން ފައިސާ ދިން ނަމަވެސް އެ ތަންތަނަށް އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

މަވޯޓާ މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ފަސް ކުރުމާމެދު ގޮތެއް ނިންމުމަށް ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މަވޯޓާގެ ވާހަކައިގައި އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. އިންތިޚާބު ލަސްކުރަން ނިންމައިފައި ވަނީ ފައްޔާޒްގެ ޓީމުގެ ހުށަހެޅުމަކަށެވެ. މި އިންތިޚާބުގައި މަވޯޓާ ތާއީދު ކުރައްވަނީ ފައްޔާޒަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މުޑުދާރު ވާހަކަ ދައްކަނީ، އެންމެ މުޑުދާރު، އެންމެ ހަޑިކޮށް ކެންޕެއިން ކުރައްވާ ފަރާތްތައް." އިންތިގެ ކެންޕެއިން ޓީމަށް އިޝާރާތްކޮށް މަވޯޓާ ވިދާޅުވިއެވެ.

"ނަޒާހާތްތެރިއޭ ބުނާ މީހުން ކޮންތާކުން ފައިސާ ހޯދައިގެންތޯ މުޅި ރާއްޖެ ވަށައި ކެންޕެއިން ކުރުމަށް އެ ދުއްވަނީ."

ރޭގެ ޖަލްސާގައި މަވޯޓާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ ހައްގު ވޭތުވެދިޔަ ދިހަ އަހަރު އޮތީ ފޭރިގެންފައި ކަމަށެވެ. އަދި ރަށްރަށުގައި ޕާޓީގެ ކަންކަން ކުރާނެ ބަޖެޓެއް ނެތް ކަމަށާއި ގިނަ ރަށްރަށުގައި ހަރުގެއެއްގެ ހިސާބުވެސް ނެތް ކަމަށް މަވޯޓާ ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ތަންތަން ހުރި ރަށްރަށުގައި ވެސް ޚަރަދު ކުރަނީ އާއްމު މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ

"މި ޤައުމީ މަޖިލީހުން އެތައް ފަހަރަކު ފާސްކޮށްފި 50 ޕަސެންޓް ދާއިރާތަކަށް ދޭންޖެހޭނެ ކަމަށް. އަދި އަދާ ހަމައަށް ވެސް ލޯލާރިއެއް ވެސް ނުދޭ:" މަވޯޓާ ވިދާޅުވީ މިއަދު ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

ޗެއަރޕާސަންގެ އިންތިޚާބުގެ ކެންޕެއިންގައި ފައްޔާޒް ބޭނުން ކުރައްވަމުން އަންނަ ސްލޯގަންއަކީ "ހިންގާލަން"އެވެ. އިންތިއަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ މިހާރު ވެސް ޕާޓީ ހިނގާ ކަމަށް ބުނެފައެވެ.

Ads by Ooredoo
  1. ކިނބޫ

    އާންމުން ހޭކެނޑިފަ ތިބީމަ ވާނީ އެހެން. ހަމަ ރަނގަޅު އެކައްޗެއްވެސް ދޭނެ ކަމެއް ނެތް. ޕާޓީ ހެދިފަ ގަމާރުންތައް ބައިތިއްބާ.

  2. މުހައްމަދު

    ހުސްބުޅީގަ ބާނާ މަހުގެ މާބޮޑު އަގެއްނޯންނާނެ.

  3. އެޑަމް

    ތިވިދާޅުވީ ހަމަތިކަން ވާގޮތް