ޚަބަރު

ކޮވިޑް-19އާ ގުޅިގެން ސައުދީން އެޅި ހުރިހައި ފިޔަވަޅުތައް އުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއާއިން އެޅި ހުރިހައި ފިޔަވަޅުތަކެއް މިއަދު އެ ޤައުމުން އުވައިލައިފިއެވެ.

Ads by STELCO

ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ، ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް މިހާރު އުވައިލައިފައިވާކަން އިއުލާންކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19ގެ ސަބަބުން ފިޔަވަޅުތައް އެޅި ޤައުމުތަކުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިފައި ވަނީ ވެސް ސައުދީ އަރަބިއާއިންނެވެ.

އެ ގޮތުން ހައްޖާއި އުމްރާގެ މާތް އަޅުކަން ކުރާ މީހުންނަށް ވެސް ، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ބޫސްޓަރ ޑޯޒް ޖެހުމަށް ވެސް ޝަރުތުކޮށްފައި ވެއެވެ.

ފިޔަވަޅުތައް އުވައިލައި ސައުދީގެ ހެލްތް މިނިސްޓްރީން މިއަދު ބުނީ އުމްރާއަށް އެ ގައުމަށް ދާ މީހުންނަށް އަޅައިފައިވާ ފިޔަވަޅުތައް ވެސް ދޫކޮށްލައިފައިވާ ކަމަށެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ވެސް އުމްރާވުމުގެ ފުރުސަތު ދޭނެ ކަމަށާއި ވެކްސިން ޖެހިކަން އަންގައިދޭ ލިޔުމަށް ދެން ނުބަލާނެ ކަމަށް ވެސް ބުންޏެވެ. އަދި މިއަދުން ފެށިގެން ދެ ހަރަމް ވަނީ އާންމުންނަށް ހުޅުވައިލައިފައިވާ ކަމަށާއި ވެކްސިން ނުޖަހާ މީހުންނަށް ވެސް ދެ ހަރަމަށް ޒިޔާރަތް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!