ޚަބަރު

އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓުގައި ކުރިން އޮތް އަޑުއެހުމަކަށް އައްމަޓީ ހާޒިރުވަނީ/ ފޮޓޯ: އަވަސް

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

Ads by MWSC

ފްލެޓު އަޅައިދޭނެކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އެ މަސައްކަތް ކޮށްފައިނުވުމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކުރަން ކުރަން އެންގިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އައްމަޓީ ދޫކޮށްލައިފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ. މިއީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި ތިންވަނަ ފަހަރެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލީ ދައުލަތުން އަދި ކޯޓުން ކުރި ކޮންމެ ޝަރުތެއް ވެސް ގަބޫލުކަމަށް ބުނެ އޭނާގެ ފަރާތުން އެދުމުންނެވެ. އެގޮތުން، އޭނާ ދިރިއުޅޭ ގޭ ދޮރުމަތީ ސެކިއުރިޓީ ބަހައްޓަން ވިޔަސް އޭނާ ދޫކޮށްދެއްވުމަށާއި، އޭނާގެ މައިބަދައިގެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށާއި، އަދި އޭނާގެ ބައްޕަ މިހާރު ފަހު ދުވަސްތައް ގުނަމުން ދާތީ ބައްޕައަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް ވެސް އެ ދުވަހުގެ މަޖިލީހުގައި އައްމަޓީ އެދިފައިވެއެވެ.

އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުމަތުގެ ފަރާތުން ބުނެފައި ވަނީ، އައްމަޓީއަކީ މީގެ ކުރިން ވެސް ފިލައިފައިވާ މީހަކަށް ވާތީ، ދެން ވެސް ފިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން މިނިވަން ނުކޮށް، ޝަރީއަތް ނިމެންދެން ބަންދު ދެމެހެއްޓުމަށް ދައުލަތުން އެދުނެވެ.

ނަމަވެސް އައްމަޓީ ބަންދުގައި ބެހެއްޓުމާ މެދު ގިނަ ސުވާލުތަކެއް ދައުލަތާ ކުރެއްވުމަށް ފަހު ގާޒީ ހަސަން ސައީދު ނިންމެވީ ޝަރުތުތަކަކާ އެކު އައްމަޓީ ދޫކޮށްލުމަށެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ވިދާޅުވީ އައްމަޓީ ދޫކޮށްލި މައްސަލަ މިދިޔަ ހޯމަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!