ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލައިގައި ބަޔާންދޭ މީހުން މަދުވުމުން އަޑުއެހުން ފަސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން މާލޭގައި ބާއްވަން ހަމަޖައްސައިފައިވާ ޕަބްލިކް ހިއަރިންގ ފަސްކޮށްފިއެވެ.

Ads by Hajj Corporation

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއާ ގުޅިގެން މާލޭގައި މިމަހުގެ 27ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލްކޮށްފައި ވަނީ އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުން ކަމަށެވެ.

މާލޭގައި ބާއްވާ އަޑުއެހުންތައް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނެ ކުރާނެކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެ ރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވައިލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށައިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ ފެބުރުއަރީ 4، 1962ގައެވެ. ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށު މީހުން ރަށުން ފައިބައިގެން ދިޔައީ އެއަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށާއި މީހުން ނޫޅޭ ބައެއް ރަށްރަށަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!