ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތައިލާނީ ކިހިނެއް؟
ކުރީގެ ބައިވެރިޔާއާ އޮންނަ ގުޅުން ކެނޑުމަށް ފަހު ވެސް، އޭނާ މަތިން ހަނދާން ނައްތައިނުލެވިގެން އުޅުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ.
ޚާއްސަކޮށް ގިނަ ދުވަހު އެކުގައި އުޅެ ވަކިވެފައިވާ ދެމީހެއް ނަމަ، ފަހުން އެ ގުޅުން ކެނޑުނު ކަމުގައި ވިޔަސް އެކަން ހިތުން ފިލައިގެނެއް ނުދެއެވެ. ކުރީގެ ބައިވެރިޔާ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވީ ނަމަވެސް، ހިތް އަބަދުމެ ގޮވަގޮވާ ހުންނަނީ އޭނާއަށެވެ. ބޭނުން ވެވެނީ ކުރީގެ ބައިވެރިޔާ ފެންނާށެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ބަލާށެވެ. ބައެއް ފަހަރު ސިއްރުސިއްރުން އޭނާއަށް ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ފާރަ ވެސް ލެވެއެވެ.
ނަމަވެސް މިއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ސިއްހަތަށް ފައިދާ ހުރި ކަމެއް ވެސް ނޫނެވެ. މިކަމުން ސަލާމަތްވާން ބޭނުންވާ ކިތަންމެ ބަޔަކު ވެސް ތިބިކަން ޔަގީނެވެ.
މިފަދަ ކަންތައް ކުރުން ހުއްޓައިލާ ކުރީގެ ބައިވެރިޔާގެ ހިޔާލުތަކުން ދުރުވާން ބޭނުން ނަމަ މިފަދައިން ކަންތައް ކުރުން ބުއްދިވެރިއެވެ.
▪︎ ސިކުނޑި އެކަމަށް ތައްޔާރު ކޮށްލާ
ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތައިލާން ބޭނުން ކަމުގައިވާ ނަމަ، ކުރަން އެންމެ މުހިންމު އެއް ކަމަކީ ތިމާގެ ސިކުނޑި އެކަމަށް ތައްޔާރު ކުރުމެވެ. މިކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ކުރީގެ ބައިވެރިޔާ ގެއްލުނީތީ އެކަމާ ހިތް ފުރޭވަރަށް ހިތާމަ ކުރުމެވެ. ތިމާގެ ހިތުގައި އެހައި ފުން މަޤާމެއް ދީފައިވާ މީހަކު ގެއްލިގެން ދިޔުމުން، އެކަމާ ހިތާމަކޮށް ރުއިމަކީ ގުދުރަތީ ކަމެކެވެ. އެކަން ނުކޮށް، ގަދަކަމުން އުފާވާން އުޅެގެން ލިބޭ ދެރަ މާބޮޑުވާނެއެވެ. އެހެންކަމުން ކޮންމެ ވެސް ވަރަކަށް ހިތާމަ ކުރުމަކީ ވެސް ރަނގަޅު ކަމެކެވެ.
ކުރީގެ ބައިވެރިޔާ ވަކިވުމުން ލިބޭ ދެރައިން ސަލާމަތް ވުމަށް ސިކުނޑި ތައްޔާރު ކުރުމުގެ ގޮތުން ކުރެވޭނެ ދެވަނަ ކަމަކީ، ކުރީގެ ބައިވެރިޔާ މަތިން ހަނދާންވާ ފަހަރަކު އޭނާ ކޮށްފައިވާ ރަނގަޅު ކަންތައް މަތިން ހަނދާން ނުކޮށް އޭނާއާ އެކު ޖެހުނު މައްސަލަތައް ހަނދާން ކުރުމެވެ. މިއީ އެއްވެސް ހާލެއްގައި އޭނާއަކީ ގޯސް މީހެއް ކަމުގައި ދެކެން ކުރާކަމެއް ނޫނެވެ. ނަމަވެސް އަމިއްލަ ނަފްސަށް ހެވަށް އެދި ކުރާ ކަމެކެވެ. ކުރީގެ ބައިވެރިޔާއާ ގުޅުން ކެނޑެން ދިމާވި ސަބަބު ނުވަތަ އެ ގުޅުން ކެނޑުމަކީ ރަނގަޅު ކަމެއްކަން ތިމާއަށް ވިސްނި ޤަބޫލު ކުރެވުނު ވަރަށް މުހިންމެވެ. މިކަން ކުރާއިރު އަމިއްލަ ނަފްސު ކުށްވެރި ނުކުރުން ވެސް ވަރަށް މުހިންމެވެ.
▪︎ ތިމާގެ ދިރިއުޅުމުން އޭނާ ނެރެ އެއްލައިލާ
ދިރިއުޅުމުން އޭނާ ނެރެ އެއްލައިލާށޭ މި ބުނީ އޭނާގެ ހަނދާންތަކުން ދުރުވުމަށެވެ. އޭނާގެ ހިޔާލުތަކުން ދުރުވާން ބޭނުން ނަމަ އޭނާ މަތިން ހަނދާން ކޮށްދޭ ކަންތައްތަކާއި އެއްޗެހިންނާއި ތަންތަނުން ވަގުތީ ގޮތުން ވިޔަސް ދުރުވާށެވެ. މިސާލަކަށް އޭނާ ދީފައި ހުރި އެއްޗެހި އުކައިލައި، އޭނާއާ އެކު ދިޔަ ތަންތަނަށް ނުގޮސް، މިފަދަ ކަންތައް ކުރެވިދާނެއެވެ.
ދެން އަނެއް ކަމަކީ، އޭނާއަށް ގުޅުން ހުއްޓައިލުމެވެ. ކިތަންމެ ވަރަކަށް އޭނާމަތިން ހަނދާންވެ، އޭނާ އުޅޭ ނޫޅޭ ގޮތް ބަލަން ބޭނުންވި ކަމުގައި ވިޔަސް އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް މަޖުބޫރުކޮށްގެން އެކަން ކުރުން ހުއްޓައިލާށެވެ.
▪︎ ދިރިއުޅުން އަނެއްކާ ވެސް އުފާވެރި ކުރެވޭތޯ މަސައްކަތްކުރޭ
މި ވަރަށް ދިރިއުޅުން ބައްޓަން ކުރެވުމުން، އަނެއްކާ ވެސް ދިރިއުޅުން އުފާވެރި ކުރެވޭތޯ މަސައްކަތް ކުރާށެވެ. އެގޮތުން އާއިލާއާއި ގާތް އެކުވެރިންނާ އެކު ވަގުތު ހޭދަ ކުރުން މުހިންމެވެ. އަބަދުވެސް ތިމާ އުފާ ކޮށްދޭނެ މީހުން ތިމާގެ ވަށައިގެން ބަހައްޓާށެވެ. އަބަދު ގޭގައި ނޯވެ ބޭރަށް ވެސް ނިކުމެލައި އުޅުން ރަނގަޅު ވާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާދެއެވެ.
މަސްދަރު: ރިލޭޝަންޝިޕްހީރޯ ޑޮޓް ކޮމް