ޚަބަރު

ސިފައިންގެ ހިޔާ ފްލެޓުތައް ރަމަޟާން މަހަށް ނިންމައި ހަވާލު ކުރެވޭނެ: ސިވެކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހިޔާ ފްލެޓުތަކުން ސިފައިންނަށް ލިބުނު ފްލެޓުތަކުގެ މަސައްކަތް މި ފެށޭ ރަމަޟާން މަހަށް ނިންމައި ފްލެޓު ލިބުނު މީހުންނަށް ހަވާލު ކުރާނެ ކަމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނުނިމެނީސް ހަވާލު ކުރުމުން ބައެއް ފަރާތްތަކުން ވަނީ އެކަމާ ޝަކުވާކޮށް، އަމިއްލައަށް އެ މަސައްކަތްތައް ނިންމައިފައެވެ.

ސިފައިންނަށް ލިބުނު ހިޔާ ފްލެޓުތަކުގެ އެޕާޓްމަންޓުތައް ހަދަން ހަވާލު ކުރީ ސިވެކްއާއެވެ. ނަމަވެސް އެ ކުންފުންޏަށް ވެސް ވަނީ މުއްދަތަށް އެ މަސައްކަތް ނިންމޭ ގޮތް ނުވެފައެވެ.

އޮންލައިން ނޫސް "މިހާރު"އަށް މައުލޫމާތު ދެއްވަމުން ސިވެކްގެ އަހްމަދު ޒުބައިރު ވިދާޅުވީ އެއްބަސްވުމުގައިވާ މުއްދަތަށް ފްލެޓްގެ މަސައްކަތް ނިންމައި ނުލެވުނުކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހުގެ ކުރިން ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމައި އެތަން ފްލެޓް ލިބުނު މީހުންނާ ހަވާލުކުރާނެ ކަމަށް ވެސް ޒުބައިރު ވިދާޅުވިއެވެ.

"ރޯދައިގެ ކުރިން ފްލެޓުތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނަން" ޒުބައިރު ވިދާޅުވިއެވެ.

ޒުބައިރު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ލަސްވީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ މުދާ ގެނައުމުގައި ލަސްތަކެއް ވުމުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!