ޚަބަރު ވިޔަފާރި

މަހުގެ އަގުތައް ދެގުނަ މައްޗަށް، މޭވާއާ ތަރުކާރީގެ އަގުތައް އެއްވަރެއްގައި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭގެ މަސް މާރުކެޓް ސަރަޙައްދު : ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މަހުގެ އަގުތައް ދެގުނަ މައްޗަށް އުފުލިއްޖެއެވެ.

Ads by MWSC

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ވެސް ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތަކާ އެކު މަހުގެ އަގުތައް ވެސް އުފުލެއެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މަހުގެ އަގުތައް އުފުލެން ފަށައިފައިވާކަން ފާހަގަކުރެވުނެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މަހުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މާލޭ މަސް މާރުކޭޓުގައި މިއަދު ބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާގައެވެ. މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކަންނެލި ކިލޯއެއްގެ އަގު ހުރީ 40ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

މާރުކޭޓުގައި އަގުތައް މައްޗަށް ދިޔަ އަނެއް ބާވަތަކީ ކަޅުބިލަ މަހެވެ.  އެގޮތުން މިބާވަތުގެ ކިލޯއެއްގެ އަގު އުޅެނީ 50 ރުފިޔާއާއި 55 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކުރިން ކަޅުބިލަ މަހުގެ އަގު ހުރީ ކިލޯއެއް 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ފަރުމަހުގެ އަގުތައް ވެސް ގާތްގަނޑަކަށް ދެގުނަ ވަނީ މައްޗަށް ގޮސްފައެވެ. އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް މާރުކޭޓުގައި މަހުގެ ހުރިހާ ބާވަތެއް ވެސް ވަރަށް ތިޔާގިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ލޯކަލް މާރުކޭޓުގެ އަގުތަކަށް ބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަގުތަކަށް މާ ބޮޑެތި ބަދަލުތަކެއް އައިކަމަކަށް ފާހަގައެއް ނުކުރެވުނެވެ. މީގެ ދެދުވަހެއް ކުރިން އުފުލުނު އަގުތައް އެއްވަރެއްގައި ހުރީ ހިފެހެއްޓިފައެވެ.

ކަރާ ކިލޯއެއް 25 ރުފިޔާއަށް، ލުނބޯ ކިލޯއެއް 150 ރުފިޔާއަށް، މިރުސް ކިލޯއެއް 500 ރުފިޔާއިން ދަށުގެ އަގުތަކެއްގައި ހުރި ނަމަވެސް ކަނޑޫދޫ މިރުހުގެ ކިލޯއެއް ލިބެންހުރީ 650 ރުފިޔާއާއި 700 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އަލުވި ފިޔާ އަދި ބިހުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވަނީ އެސްޓީއޯއިން އެތަކެތި ދަތިކަމެއް ނެތި ފޯރުކޮށްދެމުން ދާނެކަމުގެ ޔަގީންކަން ދިނުމާއެކުއެވެ.

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް ވަރަކަށް ދަށަށް ގޮސްދާނެކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ. އެއީ ދަނޑު ހައްދާ ފަރާތްތަކުން އަތޮޅުތެރެއިން މާލެއަށް ތަކެތި ފޯރުކޮށްދިނުމާ އެކު ބާޒާރު އިތުރަށް ތިޔާގިވާނެކަމަށް ބެލެވިފައި އޮތުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!