ޚަބަރު

ހިޔާ ފުލެޓް ސަރަހައްދަކީ ކޮންސްޓްރަކްޝަން ސައިޓެއް: ބޮންޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ ފުލެޓް ސަރަހައްދަކީ ކޮންސްޓްރަކްޝަން ސައިޓެއް ކަމަށާއި، އެތަނުން އަދިވެސް އިވެނީ ފާރުތައް ތަޅާ އަޑާއި ގާނާ އަޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބޮންޑެ މިފަދައިން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވައިލި ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން މިހާރު ވެސް ކުލި ދައްކަމުން އަންނަ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ބޮންޑެ ވިދާޅުވީ ހިޔާ ފުލެޓް ސަރަހައްދަކީ ކޮންސްޓްރަކަޝަން ސައިޓެއް ކަމަށާއި އެ ތަނުގައި ދިރިއުޅެމުންދާ ރައްޔިތުން ނޭވާލަމުން ދަނީ ކެމިކަލް ދަވާދާއި ސިމެންތި ކުނޑީގެ ވެއްޓަކަށް ކަމަށެވެ. އެހެންކަމުން މިފަދަ ހާލެއްގައި ތިބި ބައެއްގެ އަތުން ކުލި ނަގައިގެން ނުވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

މި މަހުން ފެށިގެން ހުޅުމާލޭގެ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ކުލި ނަގާ ގޮތަށް ނިންމުމާ ގުޅިގެން އެކަން ފަސްކޮށްދޭން އެދި ހިޔާގައި ދިރިއުޅޭ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަމާ ގުޅިގެން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތަކުން ވަނީ އެޗްޑީސީއަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.

ހިޔާ ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައި ވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ވަނީ ތިން ފަހަރެއްގެ މަތިން ފަސްކޮށްދީފައެވެ. އެންމެ ފަހުން ސަރުކާރުން ފަސްކޮށްދިން މުއްދަތު ހަމަވުމުން އެޗްޑީސީން ވަނީ ފްލެޓްތަކަށް ކުލި ދެއްކުމަށް އަންގައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!