ނަރުހުގެ މަރުގެ މައްސަލަ: ދައުލަތުން ދެއްކި ގިނަ ހެއްކަކީ ހެޑްލައިންތަކެއް ކަމުގައި ލަމްހާ ބުނެފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ތުހުމަތު އުފުލިފައިވާ ހަލީމަތު ލަމްހާގެ ޝަރީއަތުގައި ދައުލަތުން އުޅެނީ ނޫސްތަކުގައި ހެޑްލައިން ހަދަން ކަމަށާއި އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ސާފު ނުވާ ކަމަށް ބުނެ މިއަދު އެ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ލަމްހާގެ މައްޗަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ އިތުރުން ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
އޭގެތެރެއިން ، މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އިއްވުމުން ދިފާއުން ބުނީ މި މައްސަލައިގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ހާދިސާ ހިނގި އިރު އެޕާޓްމަންޓްތެރޭ ހުރި ކަމަށް ބުނާ ކުޑަ އަންހެން ދަރިފުޅުގެ ވާހަކަ ކަމަށެވެ. އެ ކުއްޖާއަކީ މޭރީއާއި އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން ވާގަސްގެ ދަރިފުޅެވެ.
މި މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއުން ބުނީ ކުއްޖާގެ ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ފިލިޕިންސްގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ދައުލަތުން ބުންޏަސް އެ ލިޔުން ހޯދުމުގައި ދައުލަތުން ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އަދިވެސް ލިބޭނެ ވަކި ދުވަހެއް ނޭނގޭ އެ ރިޕޯޓް ލިބޭއިރު އޭގައި ކުއްޖާ ދައްކައިފައި ހުންނަ ވާހަކަތަކަށް ބިނާކޮށް މުޅި މައްސަލަ ބަދަލުވެގެން ހިނގައިދާނެ ކަމަށާއި އެހެންވެ ދައުވާއަށް ޖަވާބުދާރީ ވެވޭނީ އެ ރިޕޯޓް ލިބުމުން ކަމަށް ދިފާއުން ތަކުރާރުކޮށް ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ހުސެން ފާއިޒް ރަޝާދު ލަމްހާއަށް އެންގެވީ ދައުވާއަށް ޖަވާބުދާރީ ވުމަށެވެ. އެއީ ދައުލަތުން ދައުވާ ސާފުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
ގާޒީގެ އެ އެންގެވުމާ އެކު ޖަވާބުދާރީވަމުން ލަމްހާގެ ވަކީލު ޝާއިރު ވިދާޅުވީ "ނޫސްވެރިން ވަދެ ތިބީމަ ހަމަ ކޮންމެ ފަހަރަކު ކަނޑައެޅިގެން ހަގީގަތާ ޚިލާފު މައުލޫމާތު، ނޫސްވެރިންނަށް އަމާޒުވާ ގޮތަށް" ދައުލަތުން ދެއްވާ ކަމަށެވެ.