ޚަބަރު

ޒަމްޒަމް ފާރިޝަށް އަޅައިފައިވާ ފިޔަވަޅު މިހާރުން މިހާރަށް އުވައިލުމަށް ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމް ދީނާ ދެކޮޅަށް ލާދީނީ ރިޕޯޓު ނެރުނު އެމް.ޑީ.އެންއާއި އުތެމަ ޖަމާޢަތް ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ ނުވަނީ ކީއްވެތޯ އަހާލިކަމަށް ޓަކައި ޢަރަބިއްޔާ ސްކޫލުގެ ޙަދީޘް ޓީޗަރު އައްޝައިޚް ޒަމްޒަމް ފާރިޝަށް އަދަބު ދިނުން ރައްޔިތުންގެ އިއްތިހާދުން ހަރުއަޑުން ކުށްވެރިކޮށްފިއެވެ.

Ads by STELCO

ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ސްޓޭޝަން ކުރުމާ ދެކޮޅަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އަޑުއުފުލަމުން ގެންދާ "އިންޑިއާ އައުޓް" ކެންޕެއިން ހުއްޓުވުމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޤަރާރާ ނެރުއްވުމާ ގުޅިގެން, އެމް.ޑީ.އެންއާއި އުތެމަ ޖަމާޢަތާ ދެކޮޅަށް ޤަރާރު ނުނެރުއްވީ ކީއްވެތޯ އައްޝައިޚް ޒަމްޒަމް ފާރިޝް، ސުވާލު އުފެއްދުމާ ގުޅިގެން, އެބޭފުޅާއަށް ވަޒީފާއަށް ނުނިކުމެވޭނެހެން ސަސްޕެންޑް ކުރުން އެ އިއްތިޙާދުން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އައްޝައިޚް ޒަމްޒަމް ފާރިޝްގެ ވާހަކަފުޅަކީ ރާއްޖޭގެ ޤާނޫނު އަސާސީން ބާރު ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިންވަންކަމުގެ އިމުގެ ތެރެއިން ފާޅު ކުރެއްވި ޚިޔާލުފުޅެއް ކަން ޝައްކެއް ނެތް މިންވަރަށް އެނގެން އޮތް އިރު ޝެއިޚްގެ އަޑު ކަނޑުވައިލާން މިކުރެވޭ ކަންކަމަކީ ވަރަށް ވެސް ފިނޑި ޢަމަލުތަކެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ބުނެފައިވެއެވެ.

އައްޝައިޚް ޒަމްޒަމް ފާރިޝްއަކީ, މިޤައުމުގައި ޢަރަބި ތަޢުލީމާ ދެކޮޅަށް، އެތަޢުލީމު ފޮހެލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ތެރެެއިން ހިންގާ މަކަރުވެރި ޖަރީމާތަކުން ޢަރަބިއްޔާ ސްކޫލު ސަލާމަތްކޮށް ޙިމާޔަތް ކުރުމަށް ނުހަނު ބުރަ މަސައްކަތް ކުރައްވަމުންދާ, އަދި ޢަރަބިއްޔާ ސްކޫލުގެ ޙައްޤުގައި އެތަކެއް ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމުގައި އެ މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުން ހެކިވަމުންދާ ޝަޚްޞިއްޔަތެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޝައިޚާ ދެކޮޅަށް އެޑިއުކޭޝަނުން އެޅުއްވި ފިޔަވަޅަކީ ޝެއިޚާއި ޢަރަބިއްޔާ ސުކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ގެންދާ އެތަކެއް ދަރިވަރުންނެއްގެ ޙައްޤުތަކެއް ގެއްލިގެންދާނެ ކަމެއް ކަމުގައި ވެސް އެ ޖަމިއްޔާއިން ވަނީ ދެކިފައެވެ.

"އެބޭފުޅާއަކީ އެޑިއުކޭޝަން މިނިސްޓްރީން ޢަރަބިއްޔާ ސުކޫލު ގަދަބާރުން ޢިއްޒުއްދީން ސްކޫލާ މައްސުނި ކުރުމަށް ޓަކައި ހިންގުނު އަޑިނުބައި ރޭވުންގަނޑުން އެ ސްކޫލު ސަލާމަތް ކުރުމަށް ޓަކައި ސުކޫލާއި ދަރިވަރުންގެ ޙައްޤުގައި ވަޑައިގަންނަވަންޖެހޭ ހުރިހައި ތަނަކަށް ވަޑައިގަންނަވައި، އަދި ސޯޝަލް މީޑިއާގައި ޢަރަބިއްޔާ ސުކޫލުގެ ޙައްޤުގައި ވަކާލާތު ކުރެއްވި އެސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި އެސުކޫލުގައި މަސައްކަތް ކުރަމުންދާ އެންމެހައި ފަރާތްތަކުގެ އިތުބާރާއި ލޯބި ލިބިފައިވާ އެ ސުކޫލުގެ ހިތްވަރުގަދަ ބަޠަލެކެވެ." ރައްޔިތުންގެ އިއްތިހާދުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން، ޝެއިޚް ޒަމްޒަމްގެ ފާޅު ކުރެއްވި ޚިޔާލުފުޅެއްގެ ސަބަބުން, އެކުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިފަކުރި ސިފަކުރުމަކީ އެއްވެސް އަސްލެއް ނެތް ޖޯކު އަދި ފުލޯކު ހޭނުޖެހޭ ހާސަރެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ވަނީ ސިފަ ކޮށްފައެވެ. އަދި ޝައިޚަށް ފިޔަވަޅު އެޅުމުގެ ޙަޤީޤީ މަޤުޞަދަކީ ދިވެހި ރާއްޖޭގައި ދީނަށް ނަޞްރު ދީ, ދީނުގެ ޙައްޤުގައި ވަކާލާތު ކުރަމުންގެންދާ ފަރާތްތަކުގެ އަނގަ ބަންދުކޮށް ވަޒީފާގެ ބިރުދެއްކުން ކަމުގައި ވެސް ވަނީ ދެކެފައެވެ.

މިކަމަކީ ދިވެހި ޒުވާން ޖީލު, އިސްލާމީ ރިވެތި އުޞޫލުތަކުން ބޭރުކޮށް ސެކިއުލާރ ޖީލެއް އުފެއްދުމަށް ޓަކައި ލާދީނީ އެމް.ޑީ.އެން އާއި އުތެމަ ފަދަ ފަރާތްތައް އަޑީގައި ތިބެގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން ތެރެއިން ހިންގަމުން ގެންދާ ނުބައި ނުރައްކާތެރި ޒަރީމާތަކަށް އިތުރުވި ބޮޅެއްގެ ގޮތުގައި ޤަބޫލުކޮށް، އަދި އެއީ، ދީނީ ތަޢުލީމު ޙާސިލު ކުރައްވައިގެން މަދަރުސާތަކުގައި މުދައްރިސުންނާއި ލެކްޗަރާއިންގެ ގޮތުގައި ކިޔަވައި ދެއްވަމުން ގެންދަވާ ދީނީ ޢިލްމުވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ދިން އިންޒާރެއް ކަމުގައި ވެސް ރައްޔިތުންގެ އިއްތިހާދުން ވަނީ ދެކިފައެވެ.

ވީމާ ޝެއިޚް ޒަމްޒަމް ފާރިޝް އާއި މެދު އަޅާފައިވާ އަނިޔާވެރި ނުޙައްޤު ފިޔަވަޅު މިހާރުން މިހާރަށް އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައްޔިތުންގެ އިއްތިހާދުން ވަނީ ގޮވާލައިފައެވެ. އަދި ﷲއަކީ އަނިޔާވެރިންގެ އަނިޔާވެރިކަން އެމީހުންގެ އަމިއްލަ ނަފްސުތަކަށް އަނބުރާ ރައްދު ކުރައްވާ އިލާހު ކަމުގައި އެޑިއުކޭޝަން މިނިސްޓަރަށް އެ އިއްތިހާދުން ވަނީ ހަނދުމަކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!