އިންތިއަށް ތާއީދު ނުކުރާ އެންމެން ވަގުންނަކަށް ނުހެދޭނެ: ހިސާން

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ކުރިމަތިލާފައިވާ އެއް ކެންޑިޑޭޓުކަމަށްވާ އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދު ނުކުރާ އެންމެން ވަގުންނަކަށް ނުހެދޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން، އެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ރައްދު ދެއްވައިފިއެވެ.
މެންބަރު ނިހާދު ވަނީ، ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވި މައްސަލައިގައި ފާޑު ވިދާޅުވެފައެވެ.
އެގޮތުން އިއްޔެ ނިހާދު ކުރި ޓްވިޓެއްގައި ވަނީ މައްސަލަ ނުނިންމައި ލަސް ކުރަން ޖޭއެސްސީން ނިންމީ އަނެއްކާ ކޮން މަގުސަދެއްގައިތޯ ސުވާލު ކުރައްވައިފައެވެ. އަދި އެއީ އެ ފުރުސަތު ފަނޑިޔާރުންނަށް ދީގެން ފަނޑިޔާރުންނަށް ޖެއްސުން ކުރަންތޯ ވެސް ސުވާލު ކޮށްފައިވެއެވެ.
"ހިސާން ފައްޔާޒަށް ތާއީދު ކުރުމަކީ ޖެއްސުން ކުރަން ޖެހޭ ކަމެއް ނޫން، ބޭނުމީ އިންސާފު!" މެންބަރު ނިހާދު ވިދާޅުވެފައިވެއެވެ.
އޭނާގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިއަށް ތާއީދު ނުކުރާ އެންމެންނަށް ވަގު ތުހުމަތުު އަޅުވައި ކޮރަޕްޓް ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.
"ނާޒިލަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މީހެއް ނޫން އަދި ސަރުކާރުގެ އެއްވެސް ބިޑް ކުރާ މީހެއް ވެސް ނޫން" ހިސާން ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕަރސަން އިންތިހާބާ ގުޅިގެން އެމްޑީޕީގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ މިހާރު ވަނީ ދެ ބަޔަކަށް އެ ޕާޓީ ބެހިފައެވެ.





ކޮމެންޓް