ކޮވިޑް އަށް ފައްސިވެގެން ހޮސްޕިޓަލުގައި 141 ދުވަސް ހޭދަކުރި ފާތިމާ ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި އެންމެ ގިނަ ދުވަސް ހޮސްޕިޓަލުގައި ހޭދަކުރި ފާތިމާ ބްރިޑްލް (35އ.)، މިބަލިން އެއްކޮށް ރަނގަޅުވެގެން މިއަދު ގެއަށް ގޮސްފިއެވެ.
ބައްޔަށް ފަރުވާ ހޯދުމަށް ފާތިމާ ހޮސްޕިޓަލުގައި 141 ދުވަސް ހޭދަކޮށްފައިވާއިރު 105 ދުވަސް ހޭދަކޮށްފައިވަނީ ވެންޓިލޭޓަރުގައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ފާތިމާއަށް މިބަލި ޖެހިފައިވަނީ މޮރޮކޯއިން އޭނާ އެނބުރި އިނގިރޭސިވިލާތަށް ދިޔުމަށް ފަހުގައެވެ.
އިނގިރޭސިވިލާތުގައި ފުރަބަންދުގެ މުއްދަތު އިއުލާނު ކުރި ދުވަހުން ފެށިގެން ފާތިމާ އައީ ސައުތުހެމްޕްޓަން ޖެނެރަލް ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
ލެބް ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރާ ފާތިމާ އަށް ކޮވިޑް ޖެހުނު ފަހުން އޭނާ ކޯމާއަކަށް ދިޔހަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެގޮތުން 40 ދުވަސް ވަންދެން އޭނާ އޮތީ ކޯމާއެއްގައެވެ.
ވެންޓިލޭޓަރުން ފަރުވާ ހޯދުން ފާތިމާ ސިފަ ކޮށްފައިވަނީ "ބިރުވެރި" ކަމެއްގެ ގޮތުގައެވެ.