ޢީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ
މިއަހަރުގެ ފިޠުރު ޢީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި ފާސްކުރީ އީދު ދުވަހުގެ ހަވީރު 16:00އިން ރޭގަނޑު 20:00އަށް ވެހިކަލް ދުއްވުން މަނާކޮށް އެ ވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައެޅުމަށެވެ.
އެހެން ނަމަވެސް ޢީދު ދުވަހު ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެއް ނުވެއެވެ. ސިޓީ ކައުންސިލުން ބުނީ އެ ގޮތަށް ނިންމީ ފައިމަގުގައި އުޅޭނެ ގަޑިއެއް ކަނޑައެޅުމަށް ސިޓީ ކައުންސިލް މެމްބަރަކު ހުށައެޅުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރެެއްވި ކަންކަމަށް ބަހުސްކުރެއްވުމަށް ފަހުގައި ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ، ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާއިރު އެކަން ކުރާނީ ކޮންކޮން ތަންތަނެއްގައިތޯ ނިންމެވުން މުހިންމުކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވި ކަމަށެވެ. މީގެ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތައް މޭޔަރު ފާހަގަ ކުރައްވައިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.