ހެނބަދޫ ރައްޔިތުންގެ ފަރާތުން ޗާޑްގެ ނިކަމެތީންނަށް 3 ފެންވަޅު!

ނ.ހެނބަދޫ ރައްޔިތުންގެ ދީލަތި އެހީގައި ސެންޓްރަލް އެފްރިކާގެ ޗާޑްގައި ތިން ފެންވަޅު ބެހެއްޓުމަށް ނިންމައި އެކަމަށް ބޭނުންވާ ފައިސާ އެ ރަށު ރައްޔިތުން ޖަމާކޮށްފިއެވެ.
ފަޤީރު ގައުމެއްކަމަށްވާ ޗާޑްގައި ބަހައްޓާ 3 ފެންވަޅުގެ ޚަރަދަށް އެ ރަށު ރައްޔިތުން މިހާރު ވަނީ 135،648.89 ރުފިޔާ އެއްކޮށްފައެވެ. އަދި ތިންވަޅު ބަހައްޓަން ހިނގާ ޚަރަދުކަމަށްވާ 115،500.00 ރުފިޔާއަށް ވުރެ ލިބުނު ފައިސާ އިތުރުވެފައި ވާތީ އެ ރަށު ރައްޔިތުން މަސައްކަތް ކުރަނީ ފައިސާ އެއްކޮށް އެ ޕްރޮޖެކްޓް އިތުރަށް ފުޅާ ކުރުމަށެވެ. އެ ގޮތުން އިތުރަށް ލިބޭ ފައިސާއިން ފެން ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިއެއް ހެދުމާއި ސޯލަރ ޕެނަލަކުން އޮޕަރޭޓްކުރެވޭ މޯޓަރެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ވިސްނައިފައެވެ.
ހެނބަދޫ ރައްޔިތުންގެ މި ޞަދަޤާތުގެ ދަށުން ފެންވަޅު ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާބާރުއެމްވީ ކުންފުނިންނެވެ. އެ ކުންފުންޏަކީ ޞަދަޤާ ޖާރިއާގެ ދަށުން އެކި ގައުމުތަކުގައި ފެންވަޅު ބިނާކުރުމާއި މިފަދަ އެހެނިހެން މަސައްކަތްތައް ކުރާ ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. މި ކުންފުނިން ވަނީ ޓޯގޯ، ބަނގްލަދޭޝް، އިންޑިއާ،ނޭޕާލް އަދި ޗާޑްގެ އިތުރުން ރޮހިންޖާ ރެފިޔުޖީ ކޭންޕުގައި ފެންވަޅު ބިނާކޮށްފައެވެ. އެ ޖަމްއިއްޔާ މެދުވެރިކޮށް އެކި ފަރާތްތަކުން ނޭޕާލްގައި އެކަނި 20 ފެންވަޅު ބިނާކޮށްފައި ވެއެވެ.

ހެނބަދޫ މިސްކިތުގައި ، ފަންޑް ފޮށި ބަހައްޓައިފައި
ހެނބަދޫ ރައްޔިތުންގެ މި ނަމޫނާ ޕްރޮޖެކްޓަކީ ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (ހިއާ)ގެ އިސްވާރުކަމުގެ ދަށުން އެ ރަށު ރައްޔިތުން މި ރަމަޟާން މަހު ކުރިއަށް ގެންދާ ޞަދަޤަ ޖާރިއާ ޕްރޮޖެކްޓެކެވެ. (ޞަދަޤަ ޖާރިއާއަކީ މަރުވުމަށް ފަހުގައި ވެސް އެ އަމަލުތަކެއްގެ ސަވާބު ލިބިލިބި ހުންނަ ފަދަ ހެޔޮ ޢަމަލެވެ.)

ހެނބަދޫގައި އިއްޔެ ބޭއްވި ރޯދަވީއްލުން
މީގެ އިތުރުން ހެނބަދޫ ޒުވާނުން އިއްޔެ ވަނީ އެ ރަށުގެ އިސްރަށްވެހީންނަށް ޚާއްޞަ ރޯދަ ވީއްލުމެއް ދީފައެވެ. މިއީ ކޮންމެ އަހަރަކު ވެސް ޒުވާނުންގެ އިސްނެގުމާއެކު ހިންގާ އެކުވެރި ޙަރަކާތެކެވެ.
ماشاء الله ހެނބަދޫ ވަރެއްނެތް..