ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ލަފާދިން ކަންކަން ތަންފީޒެއް ނުކުރޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގައި ލަފާދިން ކަންކަން ތަންފީޒު ނުކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން އީވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިންކުއަރީގެ ލަފާތައް ތަންފީޒު ނުކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަމާންކަމާ އެކު ސިޔާސީ ލީޑަރުންނަށް ރައްޔިތުންނަށް ފަސޭހައިން ބައްދަލުކުރެވޭނެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ޑިމޮކްރެސީގެ އަސާސެއް ކަމުގައި ވެސް އީވާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އީވާ ވިދާޅުވީ ރައީސް ނަޝީދަށް ދިން އެ ހަމަލާގެ ތަހުގީގާއި އެ ހަމަލާ ދިނުމުގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނަޝީދަށް އެ މަނިކުފާނު އެންމެ ގަޔާވާ މަސައްކަތް ކަމުގައިވާ، ރައްޔިތުންނާ ބައްދަލުވެ އުޅުމަށް ހުރަސްއެޅި، ސެކިއުރިޓީ ކޯޑަންއެއްގެ ފަހަތުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ކަމަށެވެ.
އަދި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ވެސް އަދާކުރައްވަން ޖެހޭ ޒިންމާތަކަށް އެކަމުގެ ސަބަބުން އަސަރުކުރާކަމަށް އީވާ އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާއި ޝަރީއަތްތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ހަމަލާގައި ދެން ހިމެނޭ މީހުންނަށް ފިލަން ފަސޭހަވެ ނުވަތަ ބިރަކާ ނުލައި މުޖުތަމައުގައި ދިރިއުޅެން ވެސް ފުރުސަތު ލިބިގެންދާކަމަށެވެ.




.webp)

ކޮމެންޓް