ރައީސް ނަޝީދުގެ ސަލާމަތަށް އަޅައިފައިވާ ފިޔަވަޅުތަކަށް އެމްޑީޕީން މަރުހަބާ ކިޔައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން، އެ މަނިކުފާނުގެ ސަލާމަތަށް ޓަކައި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް މިއަދު އެއް އަހަރު ފުރިފައިވާއިރު، އެ ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ދީފައިވާ ސާލަމަތީ ހިދުމަތްތަކަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ފާޑުކިޔުންތަކަށް ރައްދުދީފައެވެ.
އެގޮތުން ރައީސް ނަޝީދުގެ ސަލާމަތަށް ޓަކައި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާ މެދު އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ، ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގި ތިބެ، ހަމައެކަނި ސިޔާސީ މަޤުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދުރާލައި ރާވައިގެން ބަޔަކު ހިންގި އަމަލެއް ކަމަށް ޤަބޫލުކުރާ ކަމަށާއި އެ އަމަލުގެ ފަހަތުގައި ތިބެގެން ޚަރަދުކުރި ބަޔަކު މިއަދާ ހަމައަށް ވެސް ހޯދިފައި ނުވާތީ އެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާ ނަމަ ހަރަދުކުރި މީހުންނާއި، އެ ހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުޤީޤު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް މި ޕާޓީން އިލްތިމާސް ކުރަން" އެމްޑީޕީން ބުނެފައިވެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެ މަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހައިތަނަށް ހިންގި ތަޙުޤީގުން އެނގޭ ކަމަށާއި މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލައިފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެ ހަރުކަށި ވިސްނުން ނައްތާލުމަށް ޓަކައި ވެސް ދައުލަތުގެ އެންމެހައި އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ދެކޭ ކަމުގައި ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.