ޚަބަރު

ޖަމިއްޔާތަކަށް މާލީ އެހީ ލިބޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަމްޢިއްޔާތަކުގެ ބިލު ( ބިލު ނަމްބަރު:03/2022 ) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،
މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 18 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

Ads by Hajj Corporation

މި ބިލަކީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމްޢިއްޔާތައް ހަދައި ހިންގުމުގެ ޙައްޤު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާޢަތުތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ސިފަތަކާއި، ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިޚްތިޔާރުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށް، ޖަމްޢިއްޔާތަކުން މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ޤާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ. އަދި ޖަމްޢިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމްޢިއްޔާތަކުން ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް އުވައިލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން މި ޤާނުނުގެ ބޭނުމަށް ޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތައް ބެހިގެންވާ ބައިތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާގެ ތެރެއިން އެއްވެސް ޙަރަކާތެއް ހިންގައިފައި ނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ފީ ދައްކާފައި ނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅައިފައި ނުވާ ޖަމްޢިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާ ނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެގޮތަށް ޢަމަލުކޮށްފައި ނުވާ ނަމަ، އެ ޖަމްޢިއްޔާއެއް އުވާލުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރަރ ލިބިދީފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރަރކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަން ވާނެކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށް ޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމްޢިއްޔާގެ ރަޖިސްޓްރާރ ކަމަށާއި ޖަމްޢިއްޔާގެ ރަޖިސްޓްރަރ ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަމްބަރު:03/2022 ) މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީޚުގައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2003/1) އުވިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!