ޚަބަރު

ވިލިމާލޭ ގޮނޑީގެ ނަތީޖާއަށް ބަދަލެއް ނައި!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައިއިލެކްޝަންގެ ދެ ވޯޓް ކަރުދާހެއް އަލުން ޗެކްކުރުމުން ވެސް ނަތީޖާއަށް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by STELCO

މި އިންތިޚާބުގައި ވާދަ ކުރީ އިދިކޮޅު ޕީޕީއެމްއާއި ސަރުކާރަށް ތާއީދުކުރާ އެމްއެންޕީއެވެ. އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއާ ވާދަކޮށް ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ މި އިންތިޚާބު ކާމިޔާބުކުރީ 359 ވޯޓް ހޯދައިގެންނެވެ.

އިންތިޚާބުގެ ވޯޓްގެ ދެ ކަރުދާހެއް ގުނަން އިލެކްޝަނުން ނިންމީ އެމްއެންޕީއިން ހުށަހެޅި ޝަކުވާއަކަށް ފަހުއެވެ. އެ ޕާޓީން ހުށަހެޅީ ވޯޓް އަލުން ގުނުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ވޯޓް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަނުން ނިންމި ނަމަވެސް ބާތިލް ވޯޓެއްގެ ގޮތުގައި ނިންމި ވޯޓް ކަރުދަހަކާއި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބުނުކަމަށް ކަނޑައެޅި ވޯޓް ކަރުދާހެއް އަލުން ޗެކް ކުރުމަށް އިލެކްޝަނުން ނިންމައި ދެންމެ ، މީޑިއާއާއި ދެ ޕާޓީގެ މަންދޫބުންގެ ކުރިމަތީގައި ވަނީ އަލުން ޗެކްކޮށްފައެވެ.

ދެ ކަރުދާސްކޮޅު އަލުން ޗެކްކޮށް އިލެކްޝަނުން ނިންމީ އެ ވޯޓްތައް ކުރީން ވެސް ގުނައިފައި ވަނީ ރަނގަޅަށް ކަމަށާއި ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ވާދަވެރި މި އިންތިޚާބުގައި ޕީޕީއެމުން ވަކިކުރި ، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީއާއި އެމްޑީޕީން ތާއީދުކޮށްފައި ވަނީ އެމްއެންޕީގެ ކެނޑިޑޭޓަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!