ބޯކޮށް ވާރޭ ވެހި ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ނައިފަރުގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަރން ކޮމާންޑު، ނައިފަރު ފަޔަރ ސްޓޭޝަންއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
މި ހަފްތާ ފެށުނީއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް އަންނަނީ ވަރަށް ގަދަޔަށް ވިއްސާރަ ކުރަމުންނެވެ.
އެގޮތުން މިހާރު ވެސް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް)އިން ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު 22 މޭލާއި 27 މޭލަށް ވައި ގަދަވެ، އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މަޢުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްޞަކޮށް ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.