މައްސަލަ ގިނަވެ, ދިރިއުޅުން ދަތިވެ އުނދަގޫވާ މީހުން, އެކަމުން އަރައިގަންނަން އޮތް މަގު
މިދުނިޔޭގެ ޙަޔާތަކީ އިމްތިހާނުގެ ގޮވައްޗެކެވެ. ކޮންމެ މީހަކީ ވެސް ދަތި އުނދަގޫ ތަޙައްމަލް ކުރާނޭ މީހެކެވެ. އަދި ކޮންމެ މީހަކީ ވެސް އުފާވެރި ވަގުތުތަކެއްގެ ހިތްހަމަޖެހުން ހޯދާނެ މީހެކެވެ. މިހުރިހާ ކަންކަމާ އެކު ޙަޔާތުގައި ދިމާވާ ހިތާމަވެރި ބޮޑެތިކަންތައްތަކުން ކުރިމަތިވާ އިމްތިހާންތަކަށް ވިސްނުންތެރިކަމާ އެކު ކުރިމަތިލާން ޖެހެއެވެ. އެ އިމްތިހާންތަކުން ފާސްވެ، ﷲއަށް ޝުކުރުވެރިވާ އަޅެއްގެ ގްރޭޑް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ.
މިކަން ކުރުމަށް ﷲ ތަޢާލާ އަންގަވައިފައިވާ މަގަކީ ކެތްތެރިވުމާ އެކު ﷲއަށް ދެންނެވުމެވެ. އެ އިލާހު އަންގަވައިފައިވެއެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ
އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)
އަހަރެމެންގެ ތެރެއިން އެތައް ބަޔަކީ ދިރިއުޅުން ދަތިވެ އުނދަގޫވާ ޙާލަތުގައިވާ މީހުންނެވެ. ދުނިޔެ ދެކެމުން މިދާ ބަލިމަޑުކަމާއި އެހެނިހެން މި ފަދަ ދަތި ހާލަތްތަކުގައި ވެސް ޢަމަލު ކުރާން އޮތް ގޮތަކީ ﷲ ތަޢާލާގެ އެންގެވުމާ އެއްގޮތަށް ކެތްތެރިވެ އެ އިލާހަށް ދެންނެވުމެވެ.
ޢުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްވެސް ހިތް ނުތަނަވަސްކަމެއް ، ހިތާމަވެރިކަމެއް ދިމާވެއްޖެ ނަމަ ނަމާދުކުރައްވާ ދުޢާ ދެންނެވުމަށް އަވަސްވެ ވަޑައިގަންނަވައެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވައި އަންގަވައިފައިވެއެވެ.
فَاصْبِرْ صَبْرًا جَمِيلًا
ފަހެ، ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކަލޭގެފާނު ކެތްކުރައްވާށެވެ!
ކެތްތެރިކަމަކީ ވެސް އެކަމުގެ އެކި ދަރަޖަތައް އެކުލެވިގެންވާ ކަމެކެވެ. މި އާޔަތުގައި ﷲ ތަޢާލާ އަންގަވައިފައިވާ މިވާ ރިވެތިވެގެންވާ ކެތްތެރިކަމަކީ އެ ކެތްތެރިކަމެއްގެ ގުޅުން ހަމައެކަނި ތިބާއާއި ﷲއާ ދެމެދުގައިވާ ފަދަ ކެތްތެރިކަމެކެވެ. ތިމާގެ ޙަޔާތުގައި ކިތަންމެ ހިތާމަވެރިކަމެއް ދިމާވެފައިވީ ނަމަވެސް ނުވަތަ ތިމާ ކިތަންމެ ދަތި އުނދަގޫ ޙާލަތެއްގައި ވީ ނަމަވެސް އެކަމެއް ތިމާގެ އުޅުމުން އާންމުކޮށް ނޭނގި، އެކަމެއް ހަމައެކަނި ﷲ ތަޢާލާ ދެނެވޮޑިގެންވާ ފަދަ ރިވެތި ކެތްތެރިކަމެކެވެ. ކެތްތެރިވުމުގައި ކުރިއަރައިގެން ގޮސްފައިވާ މަތިވެރި ކެތްތެރިކަމެކެވެ.
ސުވާލަކީ މިފަދަ ކެތްތެރިކަމެއް ހޯދާނީ ކިހިނެއްތޯއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި މޫރިތި ބަސްފުޅު ވިދާޅުވެލައްވާށެވެ.
وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ..."
''ކެތްތެރިވުމަށް އެދޭމީހާއަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވާ ހުއްޓެވެ.
އެކުވެރީންނެވެ. ކެތްތެރިވުމަށް އޮތް ޚާއްޞަކަމަކީ އިޚްލާޞްތެރިކަމާއެކު އެކަމަށް ބޭނުންވުމެވެ. ކެތްތެރިވުމަށް ދަހިވެތިވުމެވެ. އަދި ތިމާގެ ޢަމަލުން އެކަން ދެއްކުމެވެ. އިންޝާﷲ ، އެ ފަދަ މީހުންނަށް ﷲ ތަޢާލާ ރިވެތިވެގެންވާ ކެތްތެރިކަމެއް ދެއްވާނެތެވެ.
އެ އިލާހު އަންގަވައިފައިވެއެވެ.
وَلِرَبِّكَ فَاصْبِرْ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!
(ޔާސިރު ޤާޟީގެ ދަރުހަކުން)