ލައިފްސްޓައިލް

ކަސްރަތު ކުރަންވީ ހަމައެކަނި ބަރުދަން ލުއި ކުރަންތަ؟

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

އާންމު ގޮތެއްގައި ކަސްރަތުކުރުމާއި، ހެލިފެލިވެ އުޅުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދެކެވޭ އިރު، އެ ވާހަކައިގައި އެންމެ ބޮޑަށް އަލިއަޅުވައިލެވެނީ ބަރުދަން ލުއި ކުރުމާއި، ސަރުބީ ވިރުވުން ފަދަ ކަންކަމުގެ ވާހަކައެވެ. މިހެންވުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކަސްރަތު ކުރުމަކީ ހަމައެކަނި ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ނުވަތަ މަސްތައް ވަރުގަދަކުރާ ބޮޑީ ބިލްޑަރުންނަށް އޮތް ކަމެއްގެ ގޮތުގައެވެ. ނޫނީ ބައެއް މީހުން ހޮބީއެއްގެ ގޮތުގައި ނުވަތަ ހުސްވަގުތު ކުރާ ހިތްވާތީ ކޮށްލާ ކަމެއްގެ ގޮތުގައި ކަމެކެވެ.

Ads by STELCO

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމަކީ ހިކިކޮށް ތިބޭ މީހުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ހަގީގަތުގައި ކަސްރަތު ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާއެއް ލިބިދޭ ކަމެކެވެ. އަދި އެއީ ހުރިހައި އެންމެން ވެސް ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ އިންސާނުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ހެލިފެލިވެ އަދި ހަރަކާތްތެރިވެ އުޅެންޖެހޭ ބައެއް ކަމުގައި ވީތީއެވެ. ކޮންމެ އުމުރެއްގެ، ދެޖިންސުގެ، ކޮންމެ މަސައްކަތެއް ކުރާ ބައެއް ނަމަވެސް، ކޮންމެ ދުވަހަކު ވެސް ވަކި ވަގުތު ކޮޅެއް ކަސްރަތަށް ޓަކައި ހާއްސަ ކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކަސްރަތު ކުރުމުން ލިބިދޭ، އެކަމަކު އާންމުކޮށް ނުއިވޭ ފައިދާތަކަށް އަލިއަޅުވައިލާނަމެވެ.

އުފާވެރިކަން ނުވަތަ ހިތްހަމަޖެހުން ގެނުވައިދިނުން

ކަސްރަތު ކުރުމުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރުތަކުގެ ތެރޭގައި އެންޑޯފިންސް ފަދަ ކެމިކަލްތައް ދޫކޮށްލުމަކީ ކަސްރަތު ކުރާ މީހާއަށް އުފާވެރިކަން އަދި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. މިއީ ކަސްރަތު ކުރާ މީހުން އާންމުކޮށް ދައްކާ އުޅޭ ވާހަކައެކެވެ. ބައެއް ދުވުންތެރިން މީހުން 'ރަނާރސް ހައި' ކިޔާ ވަރަށް ހިތްހަމަޖެހޭ އިހުސާސެއްގެ ވާހަކަ ދައްކާ އުޅެއެވެ. އެންޑޯފިންސް ނޫނަސް ސިނކުޑީގައި ދޫކުރެވޭ އެހެނިހެން ބައިވަރު ކެމިކަލްތައް ހުރެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް އެތަކެއް އެދެވޭ އިހުސާސެއް ގެނުވައިދެއެވެ. ތަދުވާ ތަންތަނުގެ ތަދު ކުޑަވުމާއި، ސްޓްރެސް، ހާސްކަން، ޑިޕްރެޝަން ފަދަ ކަންކަން ފިލައިދިޔުމަކީ ވެސް ކަސްރަތު ކުރުމުގެ ސަބަބުން މީހާގެ ހަށިގަނޑަށާއި ސިކުނޑިއަށް ލިބިދޭ ފައިދާ ތަކެކެވެ.

ނިދަން ފަސޭހަވުން

ކަސްރަތު ކުރުމަކީ ނިދުމަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކައިފައެވެ. މިސާލަކަށް ކަސްރަތު ކުރުމުގެ ސަބަބުން ނިދަން ހޭދަވާ ވަގުތު މަދުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ކަސްރަތު ކުރުމުގެ ސަބަބުން ދުވާލު ގަޑީގައި ނިދި އައިސްގެން އުޅޭ އުޅުމަށް ހައްލު ލިބި، ނިދަން އުނދަގޫ ވެގެން ބޭސް ކާން ޖެހޭ މީހުންނަށް ބޭހާ ނުލައި ވެސް ނިދޭ ގޮތްވާ ކަމަށް މީހުން ރިޕޯޓު ކުރެއެވެ. ނިންޖާއި ކަސްރަތުކުރުމާ ގުޅިގެން ހަދައިފައިވާ ސާރވޭތަކުން ވެސް ދައްކަނީ ގަވާއިދުން ކަސްރަތު ކުރާ ގިނަ މީހުންގެ ނިންޖާ ހުރި ގުޅުން ރަނގަޅު ކަމަށެވެ. ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑު ވަރުބަލިވުމުގެ ނަތީޖާއެއްގެ ގޮތުން ނިދަން ފަސޭހަވެ، ގިނައިރު ނިދައިފައި އޮވެވުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ.

ބައެއް މީހުންނަށް ނިދަން އުނދަގޫ އެންމެ ބޮޑު ސަބަބަކީ ސްޓްރެސް ތަޖުރިބާ ކުރަން ޖެހުމެވެ. ކުރިން ވެސް ބުނިހެން ކަސްރަތު ކުރުމަކީ ސްޓްރެސް ފިލުވައިލެވޭނޭ ގޮތެކެވެ. އަދި ހަށިގަނޑުގެ މަސްތައް ސްޓްރެސްގެ ސަބަބުން ބާރުވެ ރިއްސުން ފަދަ ކަންކަމަށް ހައްލެކެވެ. އެހެންވީމާ ކަސްރަތު ކުުރުމުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތްގޮތުން ނިންޖަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާ ކަމަށް ބައިވަރު ދިރާސާތަކުން ދައްކައިފައިވެއެވެ.

އަނބިފިރިކަމުގެ ގުޅުމަށް އެދެވޭ އަސަރު ކުރުން

ކަސްރަތު ކުރުމަކީ ހިތުގެ ސިއްހަތަށް ފައިދާ ހުރި ކަމަކަށް ވާތީ ކަސްރަތު ކުރުމުން ލޭ ދައުރުވުން ކުރިއަށް ވުރެ ރަނގަަށް ލޭ ދައުރުވުމަށް ފުރުސަތު ލިބެއެވެ. މީގެ ސަބަބުން އަނބިފިރިކަމުގެ ގުޅުމުގައި ހަށިގަނޑަށް އަންނަ ބަދަލުތަކުގައި ހިނގާ ލޭ ހިނގުމަށް ފަސޭހަވުމުން ބޮޑަށް ހިތްހަމަޖެހުން ލިބެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތުކުރުމާއި ސެކްޝުއަލް ހިތްހަމަޖެހުން ނުވަތަ ސެޓިސްފެކްޝަންއާ ދޭތެރޭގައި ވަރަށް ވަރުގަދަ ގުޅުމެއް އޮވެއެވެ. މީގެ ސަބަބުން ކައިވެނީގެ ގުޅުމަށް އެދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑެވެ.

ހިތުގެ ސިއްހަތު ރަނގަޅުވުން

ކަސްރަތު ކުރުމަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކޮށްދޭ ކަމެކެވެ. އަދި ހިތަކީ ވެސް މަސްތަކަކުން ހެދިފައިވާ އެއްޗެއްކަމުން ބައެއް ބާވަތްތަކުގެ ކަސްރަތު ކުރުމުން ހިތް ވަރުގަދަވެއެވެ. އެ ކަސްރަތުތަކެއް ކުރުމުން ހިތް ބާރަށް ތެޅޭ ކަސްރަތުތަކަކީ ކާޑިއޯއެވެ. ކާޑިއޯ ކަސްރަތުތައް ކުރުމަކީ ހިތުގެ މަސްތައް ވަރުގަދަކޮށްދޭ ކަމެކެވެ. އަދި މީގެ އިތުރުން ހިތާއި ހިތާ ގުޅިފައިވާ ނި މް ދުޅަހެޔޮ ކޮށްދެއެވެ.

ކާޑިއޯ ކަސްރަތު ކުރުމުގެ ސަބަބުން ސިއްހަތު ރަނގަޅު ހިތަކަށް ގިނަ ލޭ ހަށިގަނޑަށް ފޮނުވުމަށް ފަސޭހަ ވެގެންދެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރ އެހައި މަތި ކުރާކަށް ނުޖެއެވެ. ލޭގެ ޕްރެޝަރ މަތިވާ މީހުންނަށް ކާޑިއޯ ކަސްރަތު ކުރުމުން ފައިދާ ލިބޭނެއެވެ. އަދި ލޭގެ ޕްރެޝަރގެ މައްސަލައެއް ނެތް ނަމަވެސް ކުރިމަގުގައި ހަށިގަނޑު ދުވަސްވާ ވަރަކަށް ލޭގެ ޕްރެޝަރ މަތި ވުމުން ސަލާމަތް ކޮށްދެއެވެ. މީގެ އިތުރުން ލޭ ދައުރުވުމަށް އެދެވޭ އަސަރުކޮށް، ކުރުމުން ހާޓް އެޓޭކް، ހާޓް އެރިދްމިއާ، ސްޓްރޯކް އަދި ހަކުރު ބަލީގެ މައްސަލަތަކަށް މީހާ ދިޔުމުގެ ފުރުސަތު ވެސް ކުޑަކޮށްދެއެވެ.

ސިކުނޑި ތަރައްގީވުން

ކަސްރަތުކުރުމުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ލިބޭ ވަރު ގިނަވެއެވެ. މިއީ ކަސްރަތު ކުރުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. ސަބަބަކީ ސިކުނޑީގެ މަސައްކަތްތައް ބޮޑުވުމުގެ ސަބަބުން ސިކުނޑިއަށް ވަރަށް ގިނަ އޮކްސިޖަން ބޭނުން ވާތީއެވެ. ކަސްރަތު ކުރުމުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތްގޮތުން ހަނދާން ގަދަވުމަށާއި ވިސްނުމަށް އެދެވޭ އަސަރުތަކެއް ކުރެއެވެ. ވަރަށް ގިނަ ދިރާސާތަކުން ދައްކައިފައިވާ ގޮތުގައި ގަވާއިދުން ކަސްރަތު ކުރާ މީހުންގެ ސިކުނޑީގެ ހަނދާން ގަދަވުމާއި ވިސްނުމާ ބެހޭ ބައިތައް ކަސްރަތު ނުކުރާ މީހުންނަށް ވުރެ ބޮޑެވެ.

ކަސްރަތު ކުރަންވީ ކިހިނެތް؟

ކަސްރަތު ކުރުމަކީ ހަމައެކަނި ޖިމަކަށް ގޮސްގެން ކަސްރަތު ކުރުމެއް ނޫނެވެ. ކަސްރަތުގެ ފައިދާތައް އަހަރެމެންނަށް ހޯދޭނޭ ވަރަށް ފަސޭހަ އަދި ވަރަށް ބައިވަރު ގޮތްގޮތް އެބަ ހުއްޓެވެ. ކޮންމެ މީހަކު ވެސް އަލަށް ފައްޓާ ނަމަ ފައްޓަން ވާނީ ވަރަށް ފަރުވާ ބަހައްޓައިގެންނެވެ. ބައެއް ހާލަތްތަކުގައި ޑޮކްޓަރެއްގެ ލަފަޔާ އެއްގޮތަށް ކުރިއަށް ދިޔުން މަޖުބޫރުވާނެއެވެ. މިސާލަކަށް ދިގު މުއްދަތަކަށް ބޭސްކުރާ ބައްޔެއް ހުންނަ ނަމަ ހާއްސަ ފަރުވާއެއް ބަހައްޓަންވާނެއެވެ. އަދި އެކްސިޑެންޓަކާ ހެދި ހަށިގަނޑަށް ގެއްލުމެއް ލިބިފައިވާ ނަމަ އެކަމާ ބެހޭ ގޮތުން ވެސް ޑޮކްޓަރަކާ ވާހަކަ ދައްކައިލުން ބުއްދިވެރިއެވެ. ނަމަވެސް މި ކަމުގައި އެންމެ ސަޅި ކަމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭ ކަސްރަތުގެ ވައްތަރުތައް ހުންނަ ކަމެވެ. ކޮންމެ މީހަކަށް ވެސް ގަޔާވާނެ އަދި ކުރާ ހިތްވާނޭ ކަސްރަތު އިޚުތިޔާރު ކުރާނޭ ވައްތަރުތައް ނަން ހުސްކޮށް ހުންނަކަމެވެ. ދިރާސާ ކުރުމަށް ފަހު އެމީހަކަށް އެންމެ އެކަށީގެންވާ ކަސްރަތެއް ޚިޔާރު ކުރެވިދާނެއެވެ. ނުވަތަ ތަފާތު ވައްތަރުތައް އަޖުމަ ބަލަމުން ވެސް ގެންދެވިދާނެއެވެ.

އެންމެ ފަސޭހަ ގޮތަކީ ކޮންމެ ދުވަހަކު ވެސް ކުޑަ އިރުކޮޅަކު ބޭރަށް ނުކުމެ ހިނގައިލުމެވެ. ނުވަތަ ކޮންމެ ހަފްތާއަކު މޫދަށް އެރިލައި މޫދުގައި ހަރަކާތްތެރިވެލުމެވެ. އެކި މީހުންގެ ހާލަތާއި އެ މީހަކު އުޅޭ ތަނަކާއި އެމީހަކުގެ ސިއްހީ ހާލަތު ތަންދޭ ގޮތުން އެކި މީހުންނަށް ރަނގަޅުވާނީ އެކި ގޮތްގޮތެވެ. މުހިންމީ ކޮންމެ ވެސް ސިފައެއްގައި ދިރިއުޅުމަށް ރޫޓީން ހަރަކާތްތެރިވެލުމެއް އިތުރު ކޮށްލުމެވެ.

 

މައުލޫމާތު ނެގީ:

ސްލީޕް ފައުންޑޭޝަން.އޯރގް
ދަސްލީޕްޑޮކްޓާރ.ކޮމް
މެޑިބޭންކް.ކޮމް.އޭޔޫ
ސީނެޓް.ކޮމް
އީއީހެލްތް.އޯރގް
ހެލްތް.ހާރވާޑް.އީޑީޔޫ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!