ފ. ފީއަލީގައި ނަބިއްޔާގެ ދިފާޢުގައި ހިނގާލުމެއް ބާއްވައިފި

ކީރިތި ރަސޫލާ ޞަލައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި، ފ. ފީއަލީގައި ހިނގާލުމެއް ބާއްވައިފިއެވެ.
ހުކުރު ދުވަހު ހަވީރު އެ ރަށުގައި ބޭއްވި ހިނގާލުމުގައި އެކި އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ. އެ ރަށު ޒުވާނުން އިސް ނަގައިގެން ބޭއްވި މި ހިނގާލުމުގައި ވަނީ އެކި ޝުއޫރުތައް ފާޅުކޮށްފައެވެ.
އިންޑިއާގެ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނަކު ކީރިތި ރަސޫލާއަށް ފުރައްސާކުރުމާ ގުޅިގެން އިސްލާމީ ޤައުމުތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މިގޮތުން މި މަހުގެ 11ވަނަ ދުވަހުގެ ހަވީރު މާލޭގައި ވެސް ހާއްސަ ސައިކަލު ބުރެއް ބާއްވައިފައިވެއެވެ. މި ސައިކަލު ބުރުގައި އެތައް ހާސް ޒުވާނުންނެއް ވަނީ ބައިވެރިވެފައެވެ.