ޚަބަރު

ދަރިން ހޯދުން، ދަރިން ނުލިބުން އަދި ދަރިން ހޯދަން ބޭނުން ނުވުން

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ދިރިއުޅުމުގެ މަގުސަދަކީ މީހުންނާއި އިނދެގެން ދަރިން ހޯދުން ކަމުގައި ވަރަށް ގިނަ މީހުން ގަބޫލު ކުރެއެވެ. ދިރިއުޅުމުގައި ކުރާ ކޮންމެ ކަމަކާއި އަޅާ ކޮންމެ ފިޔަވަޅަކީ މައިގަނޑު ގޮތެއްގައި އެކަންކަމަށް ވިސްނައިގެން ނަގަންޖެހޭ ފިޔަވަޅުތަކެއް ކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. ހާއްސަކޮށް ދަރިން ހޯދުން މީގައި ފާހަގަ ކޮށްލަންޖެހެއެވެ،

Ads by STELCO

މިއީ މުޅިން ނުބައި ގަބޫލު ކުރުމެއް ނޫނެވެ. އަދި މިގޮތަށް މީހުން ދެކޭ ސަބަބުތައްވެސް އަހަރެންނަށް ވިސްނެއެވެ. ދަރިންނަކީިލޮލަށް ފިނިކަން ގެނެސްދޭ ދިރިއުޅުމަށް މާނައާއި މަޖާކަން ގެނެސްދޭ ބައެކެވެ. ބޮޑުވެގެން އަހަރެމެންނަށް ފަޙުރުވެރިކަން ގެނެސްދިނުމުގެ އިތުރުން މުސްކުޅި އުމުރުގައި އަހަރެމެންނަށް އަޅާލަން ވެސް ތިބޭނީ އަހަރެމެންގެ ދަރިން ކަމުގައި އަހަރެމެން ގަބޫލު ކުރަމުއެވެ.

ދިރިއުޅުމުގެ މަގުސަދަކީ ދަރިން ހޯދުންތަ؟

ނަމަވެސް ދިރިއުޅުމުގެ ހަމައެކަނި މަގުސަދަކީ އެއީއެއް ނޫނެވެ. ހަގީގަތުގައި ދުނިޔެއަށް އަހަރެމެން ފޮނުއްވުމުގެ ބޭނުމަކީ ﷲއަށް އަޅުކަން ކުރުމެވެ. އަދި މީހުންނާއި އިނުމާއި ދަރިން ހޯދުމަކީ އެކަންކަން ރަނގަޅަށް ކޮށްފިނަމަ ސަވާބު ހޯދޭނޭ ބައެއް ގޮތްގޮތެވެ. އަދި އެ ިންމާ ފުރިހަމައަށް އަދާ ނުކުރެވިއްޖެނަމަ މީހަކާ އިނުމާއި ދަރިން ހޯދުމަކީ އެކަލާނގެއާ ތިމާ ދުރުވާ ސަބަބު ކަމުގައިވެސް ވެދާނެއެވެ.

ނަމަވެސް މި ނަަރިއްޔާތުން ވިސްނާ މީހުން އެހާ ގިނަ ހެނެއް ހިއެއް ނުވެއެވެ. އަބަދުވެސް އިވެނީ ދަރިން ހޯދުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ވަކި ހިސާބަކަށް ދާއިރަށް ދަރިން ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެއްގެ ގޮތުގައި މީހުން އަހަރެމެންނަށް ވިސްނައިދެއެވެ. ދަރިން ބޭނުމެއް ނޫނޭ ބުނެފިނަމަ، ހާއްސަކޮށް އަންހެނެއްގެ ދުލުން މިހެން ބުނެފި ނަމަ، މިއީ މީހުންނަށް ހަޖަމް ކުރަން ވަރަށްވެސް އުނދަގޫ ބަސްކޮޅެކެވެ. އެއީ އާންމު ގޮތެއްގައި ހުރިހާ އެންމެންގެ ދިރިއުޅުންވެސް ފުރިހަމަ ކުރާ އެއްޗަކީ އެމީހުން ދެކޭ ގޮތުގައި ދަރިންނެވެ. ދަރިން ހޯދުމަކީ ދިރިއުޅުމުގެ މަގުސަދު ކަމުގައި އެމީހުން ދެކެއެވެ. އަދި ދަރިން ނުލިބޭ ކޮންމެ މީހަކު ފުން ހިތާމައިގައި ދިރިއުޚުން ނަގާލުން އެއީ އެކަންތައް ވާންޖެހޭ ގޮތްކަމަށްވެސް ދެކެއެވެ.

ހުރިހާ އިންސާނުންވެސް ދަރިން ހޯދަން ބޭނުންވާނެތަ؟

އަހަރެން ދެކޭ ގޮތުގައި ދަރިންނަކީ ވަރަށް ގިނަ މީހުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަކު، ހުރިހާ އެންމެންގެ ހިތުގައި ދަރިން ހޯދުމަކަށް އެހާ ޝައުގުވެރިކަމެއް ނުހުންނާނެއެެވެ. ބައެއް މީހުން ދަރިން ހޯދަން ބޭނުން ނޫނަސް ދަރިން ހޯދަނީ އެއީ އެންމެންވެސް ކުރާ ކަމެއް ވީމައެވެ. ނުވަތަ އެމީހަކަށް ލިބިދާނެ ހަޑި ނަމަކުން ސަލާމަތް ވާން ވެގެންނެވެ، ބައެއް މީހުން ދަރިން ހޯދަން ބޭނުން ނުވާ ވާހަކަ ހާމަކުރި ފުރަތަމަ ފަރާތް އެއަށް ޖަވާބުދިން ގޮތުން އެވާހަކަ އިތުރު މީހުންނާއި ހިއްސާ ނުކުރަނީއެވެ. ދަރިން ބޭނުމެއް ނޫނޭ ބުނެފިނަމަ އެއީ ފާފަވެރިވުން ކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. އެހެންވީމާ ދަރިން ބޭނުންނުވާ މީހާވެސް އެވާހަކަ ހިތުގައި ފޮރުވައިގެން އުޅެނީއެވެ.

ދަރިން ހޯދުމަށް އޮންނަ ޕްރެޝާރ

އަންހެނުންނަށާއި ފިރިހެނުންނަށްވެސް މުޖުތަމައުގެ ފަރާތުން މި ޕްރެޝާރ އޮންނަ އިރު، އަންހެނުންނަށް މި ޕްރެޝާރ ކުރާ ވަރު މާ ބޮޑެވެފަ ތަފާތެވެ. އަންހެނުންނަކީ މައިގަނޑު ގޮތެއްގައި ދަރިން ވިހެއުމަށް ލައްވާފައިވާ ބައެއް ކަމުގައި އަދި އަންހެނެއްގެ ދިރިއުޅުމުގެ އެންމެ މުހިންމު މަގްސަދަކީ މަންމައަކަށްވުން ކަމުގައި މުޖުތަމައުއިން އަހަރެމެންނަށް ދަސްކޮށްދެއެވެ.

މީހަކާ އިންނަ ޚަބަރަށް ފަހު ދަރިއަކު ހޯދަނީ ކޮން އިރަކުންތޯ މީހުން ސުވާލު ކުރަން ފަށައެވެ. އަދި އެންމެ ދަރިއަކު ހުންނަ ނަމަ ގިނަ ދަރިން ހޯދުމަށް މީހުން ބާރު އަޅައެވެ. އަންހެނުންގެ އަގަކީ ސީދާ ގޮތެއްގައި މަންމައަކަށް ވުމާއި ގުޅިފައިވާ އެއްޗެއްކަމުގައި އަންހެނުންނަށް ވަރަށް ޅަ އުމުރުގައި ދަސްވެގެންދެއެވެ.

ދަރިން ނުލިބޭ މީހުންނަކީ ބޭކާރު ބައެއްތަ؟

އަންހެނުންނަށް މި ޕްރެޝާރ ގެ ސަބަބުން އިހުސާސްވަނީ ކިހިނެތްތޯ އަހަރެމެން ވިސްނާލަންޖެހެއެވެ. ދަރިން ނުލިބޭ ނުވަތަ ދަރިއަކު ނެތް މީހުންނަށް އިހުސާސްވާނީ އެއީ އެއްވެސް އަގެއް ނެތް ބައެއް ކަމުގައެވެ. އެއީ ފުރިހަމަ އަންހެނުންނެއް ނޫން ކަމުގައެވެ. ދުނިޔޭގައި ދަރިން ލިބޭ މީހުންނާއި ދަރިން ނުލިބޭ މީހުންވެސް ލައްވާފައިވެއެވެ. އެހެންވީމާ ދަރިން ނުލިބޭ މީހުންނަކީ ބޭކާރު ބައެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ނަމަވެސް މުޖުތަމައުއިން ދަރިން ނުލިބޭ އަންހެނުންނާއި ދޭތެރޭގައި ދެކެނީ އެގޮތަށެވެ. ނަތީޖާއަކަށްވަނީ އެފަދަ އަންހެނުން އަމިއްލަ ނަފްސާއި ދޭތެރޭގައިވެސް އެގޮތަށް ދެކުމެވެ. އަދި އެމީހުން ތިބެނީ އެކަންތައް ހައްލު ކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. ބައެއް ފަހަރު ނުރަނގަޅު ގޮތްގޮތުންވެސް ދަރިން ހޯދުމަށް މަސައްކަތް ކުރެވޭ ފަހަރު އާދެއެވެ. ނުވަތަ ހަށިގަނޑަށާއި ސިކުނޑިއަށް ކެތް ނުވާ ވަރުގެ ކަންކަން ކޮށްގެންވެސް ދަރިއަކު ހޯދުމަށްޓަކައި މަސައްކަތް ކުރެއެވެ. ދަރިއަކު ނުލިބިގެން އެކަމަށް ބޭސްކޮށްފައިވާ އަންހެނަކު ކުރެން އަހާލައިފިނަމަ، އެއީ ކިހާ ވޭނެއް ހުރި ކަމެއްކަން އެމީހުން ހެކިދޭނެއެވެ. މިއީ ހަގީގަތުގައި ވަރަށް ދެރަ ކަމެކެވެ.

ދަރިއަކު ނެތްނަމަ ދިރިއުޅުން ފުރިހަމަ ނުވާނެ ކަމަށް ބުނާ ބުނުމަކީ މުޅިން ނުބައި ބުނުމެކެވެ. ސަބަބަކީ ދަރިއަކު ރަނގަޅަށް ބަލާބޮޑުކުރުން ފިޔަވާ ދުނިޔޭގައި އަހަރެމެންނަށް އެތައް ކަމެއް ކުރެވިދާނެއެވެ. މުޖުތަމައުއަށް ފައިދާހުރި ކަންކަމާއި ހިދުމަތް ކޮށްދެވިދާނެއެވެ. ދަރިއަކު ނެތުމުގެ ސަބަބުން އެލިބޭ ހުސްވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވިދާނެއެވެ

ވިސްނާލަންވީ އަނެއް ނުކުތާއަކީ ދަރިން ގިނައިން ހޯދުމަށްވުރެ ލިބޭ ދަރިން ކިތަންމެ މަދަސް، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދިނުމަކީ މާ މުހިންމު ކަމެކެވެ. މުސްލިމް އުއްމަތަށް ބެލިނަމަވެސް އާބާދީ ގިނައެއް ކަމަކު، ރަނގަޅު ތަރުބިއްޔަތާއި ފުރިހަމަ ލޯތްބާއި އާޅާލުން ލިބޭ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ މަދު ވަމުންނެވެ. އެހެންވީމާ މިހާރު ދުނިޔޭގައި ތިބި ކުދިންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުން ނުވަތަ އެކުދިންގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީވެސް ސަވާބު ގިނަ ކުރެވިދާނެ އެއްކަމެވެ. ބޭނުން ނަމަ ކުދިން ފޮސްޓާ ވެސް ކުރެވިދާނެއެވެ. ދުނިޔޭގައި އަދި އަހަރެމެންގެ ގައުމަށް ބެލި ކަމުގައި ވީނަމަވެސް މައިންބަފައިން ނެތް ނުވަތަ ހާލުގައި ޖެހިފައި ތިބި ކިތައް ކުދިން އެބަ ތިބި ހެއްޔެވެ.

ދަރިން ހޯދަން ބޭނުންނުވާނަމަ ހަދާނީ ކިހިނެތް؟

ކުޑަކުދިންގެ ދިރިއުުޅުން ރަނގަޅު ކުރުމަށްޓަކައި ދުނިޔޭގެ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހިފައިވެއެވެ. މިސާލަކަށް ކުޑަ ކުދިންނަށް މިނިވަންކަންމަތީ ކުޅުމުގެ ފުރުސަތު ހަނިވުމާއި، ގެއިން ބޭރުގައި އަދި ގުދުރަތީ މާހައުލްތަކުގައި ވަގުތު ހޭދަކުރުމާއި ފައިދާ ހުރި ކާނާއާއި ލިބުން ދުވަހެއް ދުވަހަކަށް ދަނީ މަދު ވަމުންނެވެ. ސްކްރީންތަކުގެ ކުރިމަތީގައި ބޮޑުވަމުންދާ ކުދިންގެ އަދަދު ދަނީ ގިނަ ވަމުންނެވެ. މާލީ ހާލަތުގެ ސަބަބުން މައިންބަފައިން މަސައްކަތަށް ދަމުން ދަރިން މާމަމެން ނުވަތަ ކުދިން ބަލާ މީހަކާއި ނުވަތަ ތަނަކަށް ހަވާލު ކުރާ ކުދިންގެ އަދަދު ދަނީ ގިނަވަމުންނެވެ. އެއީ ވަކި މިންވަރެއްގައި ބަހައްޓަންޖެހޭ ކަންކަން ކަމުގައި ވާއިރު، މި މާނުގައި ކުދިންނަށް އެކުދިންގެ މައިންބަފައިންނައި އެއކު ހޭދަކޮށްލާނެ ވަގުތެއް ނުލިބި އަދަބު ކްލާސްތަކުގައި ނުވަތަ އެހެން މީހުންގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ކުދިން ވަރަށް ގިނައެވެ. ނަތީޖާއަކަށްވަނީ ކުދިންނަށް އެކި ވަރުގެ ޖިސްމާނީ އަދި ނަފްސާނީ މައްސަލަތައް ދިމާވެ ކުރިއަށް އޮތް ޖީލު ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ނުކުރެވުމެވެ

މިކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ދަރިން ބޭނުން ނުވާއިރުވެސް ދަރިން ހޯދުމަށް ވުރެ މާ ރަނގަޅު ކަމެކެވެ. އަދި އެމީހެއްގެ ދިރިއުޅުމުގައި ޅަދަރިން ގޮވައިގެން އުޅޭ މަންމައިންނަށް އެކި ސިފަސިފައިގައި އެހީ ވެދިނުމަކީ ވަރަށް ބޭނުން ޖެހިފައި އޮތް ކަމެކެވެ. އަދުގެ ދުނިޔޭގައި މަންމައިން ދަރިން ބަލާ ބޮޑޫ ކުރަނީ އެތަކެއް ދަތި އުނދަގޫ ތަކަކާއި އެކުގައެވެ. ދަރިން ހޯދަން ބޭނުންނުވާ ނަމަ އެމީހުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމަކީ ސަވާބު ލިބޭނޭ ކަމެކެވެ.

ކުރިއަށް އޮތް ޖީލަށްޓަކައި އަހަރެމެންގެ ގުރަހަ ސަލާމަތްކޮށް ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީވެސް ކުރެވިދާނެ ކަމެކެވެ. ކުދިން ބޮޑެތި ވަމުންދާއިރު ހާއްސަކޮށް މާލޭ ފަދަ ތަންތަނުގައި އެކުދިންނަށް ކުޅޭނޭ ތަންތަން މަދުވެ، ދުވަހެއް ދުވަހަކަށް ގުދުރަތީ މާހައުލްތައް ދަނީ ހަލާކުވަމުންނެވެ. އަދި ހަލާކު ކުރަމުންނެވެ.

ނިންމުން

ދަރިން ހޯދަން ބޭނުންވާ މީހުންނަށް ދަރިން ހޯދުމުގެ ފުރުސަތު ފަހި ކޮށްދެވޭނޭ ގޮތެއް އޮތިއްޔާ އެކަމެއް ކޮށްދޭށެވެ. މިސާލަކަށް އެމީހުންނަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދައިދިނުން މިއީ އެއް ގޮތެވެ. ދަރިން ހޯދަން ބޭނުންވާ އެކަމަކު ދަރިން ލިބުމުގައި ދަތިތައް ކުރިމަތި ވަމުންދާ މީހުންނަށްވެސް އެހީ ފޯޜުކޮށްދެންވީއެވެ، މިސާލަކަށް މިދުވަސް ކޮޅު އިންފާޓިލިޓީ ޓްރީޓްމަންޓްތަކުގެ ޚިދުމަތްތައް އާސަންދައިން ކަވާރ ކުރުމަށް އެދިގެން ޕެޓިޝަންއެއް ފަށައިގެން އެބަ އުޅެއެވެ. ނަމަވެސް ދަރިން ނުލިބޭ މީހަކު އެކަމަށް ފަރުވާ ކުރަން ބޭނުންނުވާ ނަމަ އެމީހަކަށް މަޖުބޫރު ކުރެވިގެންނުވާނެއެވެ. ސީދާ ގޮތަކުން އަދި ނުސީދާ ގޮތަކުންވެސްއެވެ. އަދި ދަރިން ހޯދަން ބޭނުންނުވާ މީހުންނަށް އެ މިނިވަންކަން ވެސް ލިބިފައި އޮންނަންވާނެއެވެ.

ކުޑަކުއްޖަކު ބަލައިބޮޑު ކުރުމަކީ ނުހަނު ބުރަ އަދި އެތަކެއް ގުރުބާނީއެއް ވެގެން ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. މިކަންތައް ކުރަން ބޭޏުން މީހުންނަށް އެހީވެދީ، މިކަންތައް ކުރަން ބޭނުން ނޫން މީހުންނަށް މަޖުބޫރު ނުކޮށް، މިކަންތައް ކުރަން ބޭނުން އެކަމަކަު ފުރުސަތު ނުލިބޭ މީހުންނަށް މުޖުތަމައުއިން ކުރާ ޕްރެޝާރ އަދި ޖަޖްކުރުން އަދި ލޭބަލް ކުރުން ހުއްޓާލަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!