ލައިފްސްޓައިލް

ކައިވެނި ކުރެވެން މި އުޅެނީ ރަނގަޅު މީހާއާކަން އެނގޭނީ ކިހިނެތް؟

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ކޮންމެ މީހަކު ވެސް ކައިވެނި ކުރާނީ ނުހަނު ލޯތްބާއި އުއްމީދާ އެކުގައެވެ. އެކުގައި އުފާވެރި މުސްތަގްބަލެއް ގާއިމު ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިވެންޏަށް ފަހުގައި އެކި ސަބަބުތަކާ ހުރެ ދެމަފިރިންގެ ތެރޭގައި ހައްލު ނުކުރުވޭ ވަރުގެ މައްސަލަ ޖެހުން ނުވަތަ ހީވެސް ނުކުރާ ކަހަލަ ކަންކަމާއި ދެބަސްވުން މިއީ ވަރަށް އާންމު ކަމެކެވެ. މީގެ ސަބަބުން ދެމަފިރިންގެ އުފާވެރިކަމަށް ހުރަސްއެޅި ދިރިއުޅުން ބޮޑު ހާސް ކަމަކަށް ބަދަލުވެގެން ދެއެވެ. ބައެއް ހާލަތްތަކުގައި ވަރިއާ ހަމައަށް ވެސް ދާންޖެހެއެެވެ. ނަމަވެސް އެންމެ ބޮޑު ދެރައަކީ އެ ހިތާމައިގައި މުޅި އުމުރު ނަގައިލާން ޖެހުމެވެ.

މިހެން މިކަން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ބައެއް ފަހަރު ހުރިހާ ކަމެއް ބަރާބަރަށްކޮށް، ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ދައްކަންޖެހޭ ހުރިހައި ވާހަކައެއް ދައްކާފައި ކައިވެނި ކުރި ނަމަވެސް ދެރަ ގޮތެއް ވެދާނެއެވެ. ނަމަވެސް ބައެއް ފަހަރަށް މިކަހަލަ ކަންކަން ދިމާވަނީ، ވާންޖެހޭ ވަރަށް ތައްޔާރު ނުވެވޭތީއެވެ. ކިޔައިދޭން މިއުޅެނީ އިންނަން އުޅޭ މީހާއަކީ ތިމާއާ އެކުގައި އުޅެވޭނޭ މީހަކުތޯ ބަލާއިރު ސަމާލުކަން ދޭންވީ ބައެއް ކަންކަމެވެ.

ދީނީ ގަބޫލުކުރުންތައް

އަހަރެމެންގެ ގައުމަކީ މުސްލިމް ގައުމެއް ކަމުގައި ވިޔަސް އެކި މީހުންގެ ދީނީ ގަބޫލުކުރުންތައް ތަފާތެވެ. ބައެއް މީހުންނަށް ދީނީ ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އަނެއް ބައި މީހުންނަށް ދީނީ ކަންކަން މުހިންމުވި ނަމަވެސް އެހައި މުހިންމު ނުވެދާނެއެވެ. ބައެއް މީހުންގެ ދިރިއުޅުމުގައި ދީނީ ކަންކަމަށް ދެވިފައި އޮންނަ ވަގުތު ގިނަ ވެފައި އަނެއްބައި މީހުންނަށް ދީނީ ކަންކަމަށް ދެވޭ ވަގުތު މަދުވެދާނެއެވެ. ދެމީހުންގެ ގަބޫލު ކުރުންތައް ތަފާތުވި ނަމަވެސް ބައެއް މީހުންނަށް ސުލްހަވެރިކަމާ އެކު އުޅެވިދާނެއެވެ. މިސާލަކަށް އެހެން ގައުމުތަކުގައި ތަފާތު ދެ ދީނުގެ މީހުން ވެސް ކައިވެނި ކޮށްގެން އެކުގައި އުޅެއެވެ. ނަމަވެސް އެމީހެއްގެ ގަބޫލު ކުރުންތައް ދެކޭ ގޮތާއި އެ ބޭނުން ކުރާ ގޮތުން އެކުގައި އުޅެވުމަކީ ނާދިރު ކަމަކަށް ވެދާނެއެވެ. މިސާލަކަށް ފިގުހީ ބައެއް މައްސަަލަތަކުގައި އިލްމުވެރިން ޚިލާފުވެއެވެ. އަދި އެކަހަލަ ހާލަތްތަކުގައި އެކަކު ގަބޫލުކުރާ ގޮތް އަނެކަކު ގަބޫލު ކުރާ ގޮތާ ތަފާތުވުމަކީ ދިރިއުޅުމަށް ބުރޫ އަރާ ކަމެއް ކަމުގައި ވެދާނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް މުހިންމު ކަންކަން އެނގޭނެއެވެ. އަދި ކައިވެނި ކުރުމުގެ ކުރިން އެމީހެއްގެ ދީނީ ގަބޫލުކުރުންތަކުގެ ވާހަކަ ދައްކާށެވެ. މިސާލަކަށް ކުރިމަގުގައި ކުރަން ބޭނުން ކަމެއް ނުވަތަ ބޭނުން ނުވާ ކަމެއްގެ ވާހަކަ ބުނެ އެކަމާ ބެހޭ ގޮތުން އެމީހެއްގެ ދީނީ ގަބޫލު ކުރުމުގެ ވާހަކަ އަހާށެވެ. ދީނީ ކަންކަމުގައި ދެމަފިރިން ދެބަސްވެ މައްސަލަ ޖެހެން ފަށައިފި ނަމަ އެކުގައި އުޅެން ވަރަށް އުނދަގޫ ވާނެއެވެ.

އާމްދަނީ

ފައިސާ ހޯދުމާއި ފައިސާ ޚަރަދު ކުރުމުގެ އިތުރުން ފައިސާ ރައްކާކުރާ ގޮތަށް ބަލައިލާ ނަމަ، ދެމަފިރިންގެ ވިސްނުން ދިމާވާންވާނެއެވެ. އެކަކަކީ އަބަދު 'ސޭވިން މޯޑް'ގައި އުޅޭ މީހަކަށް ވެފައި އަނެކަކަށް ފައިސާއަކީ އަބަދުވެސް އައިސް ގޮސް ހަދާ އެއްޗެއް ކަމަށް ގަބޫލުކޮށް އެއިރަކު އެލިބޭ އެއްޗެއް ޚަރަދުކޮށް މަޖާކުރަން ބޭނުންވާ މީހެއް ނަމަ، އެ ކައިވެނި ކާމިޔާބުވުމުގެ ފުރުސަތު ވަަރަށް ކުޑައެވެ. ދަތިވާ ހާލަތެއްގައި ކަންތައް ކުރާނެ ގޮތަކާއި ދޭތެރޭގައި ވެސް ކައިވެނީގެ ކުރިން ވާހަކަ ދެއްކުން މުހިންމެވެ. މިސާލަކަށް ދަތިވާ ވަގުތަކު ގުރުބާން ކުރާނީ ކޮން ޚަރަދުތަކެއްތޯ ނުވަތަ އިތުރު ފައިސާ ހޯދާނީ ކޮން ގޮތްތަކަކުންތޯ މަޝްވަރާ ކޮށްލަން ޖެހެއެވެ.

ދަރިން ހޯދުމާއި ދޭތެރެ ދުރުކުރުމާ ބެހޭ ގޮތުން ދެކޭ ގޮތްތައް

ބައެއް މީހުން ބޭނުންވާނީ ކައިވެނި ކުރާ ގޮތަށް ކުއްޖަކު ހޯދާށެވެ. ނަމަވެސް ބައެއް މީހުން ބޭނުންވާނީ ކައިވެނި ކޮށްގެން ވަކި އަހަރުތަކެއް ވަންދެން ދަރިއަކު ނުހޯދައި މަޑު ކޮށްލާށެވެ. ބައެއް މީހުން ، ބައިވަރު ދަރިން ހޯދަން ވިސްނާއިރު ބައެއް މީހުން ބޭނުންވާނީ މަދު ދަރީންނެވެ. ބައެއް މީހުން އަވަސް އަވަހަށް ދަރިން ހޯދާ އިރު ބައެއް މީހުން ބޭނުންވާނީ ދެކުދިންގެ ދޭތެރޭގައި ދުވަސް ކޮށްފައި ދަރިން ހޯދާށެވެ. މިކަމަކީ ކުރީބައިގައި މަޝްވަރާ ކޮށްފައި ގޮތެއް ނިންމައިފައި އޮންނަންވާނޭ ކަމެކެވެ. މީގެ އިތުރުން ދެން އޮތް މުހިންމު ކަމަކީ ދޭތެރޭ ދުރުކުރާ ވަސީލަތެވެ. ދޭތެރެ ދުރުކުރާ ވަސީލަތްތަކާއި ދޭތެރޭގައި އެކި މީހުން ދެކޭ ގޮތް ތަފާތު ވެފައި އެކި މީހުން ބޭނުން ވާނީ އެކި ގޮތް ޚިޔާރު ކުރުން ކަމުގައި ވާތީ މިއީ ވެސް ކުރީބައިގައި އެ ވާހަކަ ދެކެވިފައި އޮންނަން ވާނޭ ވާހަކައެކެވެ.

ދަރިންގެ ކަންކަން ނިންމާނެ ގޮތް

ދަރިން ލިބުމަށް ފަހު ދަރިންގެ ކަންކަން ކުރާނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަން ވާނެއެވެ. ދަރިން ލިބުމަށް ފަހު އެންމެ ގިނައިރު ކުދިން ބަލާނީ މަންމަތޯ، މާމަތޯ ނުވަތަ ގެންގުޅޭ މީހަކުތޯ ނުވަތަ ކުދިން ބަލާ ތަނަކަށް ލާނީތޯ އެއީ މަޝްވަރާ ކުރަން ޖެހޭނޭ ކަމެކެވެ. ބައެއް އަންހެނުން ބޭނުންވާނީ ދަރިން ލިބުމަށް ފަހު މަސައްކަތް ކުރަން ނުގޮސް ގޭގައި ހުރުމަށް ކަމުގައި ވާއިރު އަނެއްބައި މީހުން ބޭނުންވާނީ ވީހައި ވެސް އަވަހަކަށް މަސައްކަތައް އަނބުރާ ރުޖޫއަވާށެވެ. މިކަހަލަ ނާޒުކް ކަންކަމުގައި ދެމަފިރިން ދެބަސްވާން ޖެހިއްޖެ ނަމަ ހައްލު ކުރަން ވަރަށް އުނދަގޫ ވާނެއެވެ. މި ނޫނަސް ދަރިންގެ ކަންކަމުގެ ތެރޭގައި ވަރަށް ބައިވަރު ކަންކަން ހުންނާނެއެވެ. މިސާލަކަށް ކުދިން ބޮޑު ކުރާނީ ރަށެއްގައިތޯ ނުވަތަ މާލޭގައިތޯ ، މިއީ ވެސް ނިންމަންޖެހޭ ނިންމުމެކެވެ. އެންމެ ރަނގަޅު ގޮތަކީ ދެމަފިރިން މަޝްވަރާ ކޮށްގެން އެކުގައި ނިންމުމެއް ނިންމުމެވެ. ނަމަވެސް ބައެއް މީހުންގެ މަޝްވަރާއަކަށް ދާވަރަށް ވުރެ ވަރުގަދަ ގަބޫލުކުރުންތަކެއް ވެސް ހުރެދާނެއެވެ. ހުރި ނަމަ އެ ވާހަކަތައް ކުރީބައިގައި ބުނަން ވާނެއެވެ.

ދެފަރާތުގެ އާއިލާއާ ބެހޭ ގޮތުން އިންތައް ކަނޑައެޅުން

ކައިވެނި ކުރުމުގެ ކުރިން އުޅެން ބޭނުންވަނީ ވަކިން ތަނެއްގައި ކަމަށް ވެސް ކަނޑައެޅިދާނެއެވެ. ނުވަތަ އެކަން އެ ވަގުތު ވާން ނެތް ނަމަ ވަކި އަހަރެއްވާ ފަހުން އެހެން ތަނަކަށް ދިޔުމަށް ނިންމިދާނެއެވެ.

ކައިވެނި ކުރުމަށް ފަހުގައި ހާއްސަކޮށް ބައިވެރިޔާގެ އާއިލާއާ އެކު އެއް ގެއެއްގައި އުޅޭނަމަ ވަރަށް ބައިވަރު މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެ ފަދަ ހާލަތްތަކުގައި މައްސަލަ ޖެހިއްޖެ ނަމަ ބައިވެރިޔާ ހަދާނެ ގޮތާ ދޭތެރޭގައި މަޝްވަރާ ކުރުން މުހިންމެވެ. އެކުގައި ނޫޅުނަސް ދެފަރާތުގެ އާއިލާއާ ބެހޭ ގޮތުން ދުޅަހެޔޮ އިންތަކެއް ކަނޑައަޅައިފައި ބޭއްވުމަކީ ބުއްދިވެރި އަދި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ދުޅަހެޔޮ އިންތައް ނުވަތަ ހެލްދީ ބައުންޑްރީސް ކަނޑައެޅުމަކީ އަހަރެމެންގެ ރާއްޖޭގައި އެހައި ބޮޑަށް ކުރެވޭ ކަމެއް ނޫނެވެ. އަދި ކޮށްފިނަމަ ގިނަ މީހުން ދެކޭ ގޮތުގައި އެއީ ފޮނިވުން އަދި އަބުއިވުމެވެ. މިއީ ބައެއް މީހުންނަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް ހަގީގަތުގައި ބައުންޑްރީއަކީ ކޮންމެ ގުޅުމެއްގައި ވެސް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ދެމަފިރިން ދޭތެރޭގައި ވެސް މެއެވެ.

އާއިލާއަށް އިން ކަނޑައެޅުމުގެ މިސާލު ކިޔައިލައިދޭނަމެވެ.

  • މިވެނި ދުވަހަކު ގެއިން ކައިފައި މިވެނި ދުވަހެއްގައި ބައިވެރިޔާގެ އާއިލާގެ ގެއިން ކެެއުން.
  • ވަކި ޗުއްޓީއެއް އަބަދުވެސް ދެމަފިރިން އެކުގައި އެކަނި ހޭދަކުރުން
  • ހަފްތާގެ ވަކި ދުވަހެއްގެ ރޭ އަބަދުވެސް ދެމަފިރިންނަށް ޚާއްސަވުން
  • އަބަދުވެސް ، ޓަކި ޖަހައިފައި ޖަވާބެއް ލިބުމުގެ ކުރިން ކޮޓަރިއަށް ނުވަންނަން އާއިލާއަށް އިރުޝާދު ދިނުން
  • ކައްކާނެ އެއްޗެއް ކަނޑައެޅުން ކަހަލަ ކަންކަމުގައި މިނިވަންކަން އޮތުން
  • ޒާތީ ކަންކަމާ ނުބެހުން
  • ރޭގަނޑު ވަކި ވަގުތެއްގެ ފަހުން މުހިންމު ކަމެއް ނޫން ނަމަ ނުގޮވުން

މިހެން ގޮސް ބައިވަރު ކަންކަމެވެ. އިންތައް ކަނޑައެޅުމުގައި އޮންނާނީ އެމީހަކަށް އެންމެ މުހިންމު ކަންކަން ފާހަގަ ކުރުމެވެ.

ނިންމުން

މަތީގައި ހިމަނައިލައިފައިވާ ބައިތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުމުގެ އިތުރުން ވަކި ގޮތްތަކެއް ކަނޑައަޅައި ނިންމާފައި އޮތުމަކީ މުހިންމު ކަމެކެވެ. އަދި ކައިވެނި ކުރާ އިރުގައި ކައިވެނީގެ އެއްބަސްވުމުގައި އެ ކަންތައްތައް އެކުލަވައިލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކައިވެނި ކުރުމަށް ފަހު ހާލަތާއި ކަންކަން ބަދަލު ވުމުގެ ސަބަބުން ކުރީގައި ނިންމައިފައިވާ ނިންމުންތައް ބަދަލުކުރަން ޖެހިދާ ފަހަރު ވެސް އަންނާނެއެވެ. ނަމަވެސް އެ ކަހަލަ ހާލަތެއްގައި މެޗުއަރިޓީއާއި އިހުތިރާމް އަދި ބުއްދީގެ ބޭނުންކޮށްގެން އެހާލަތާ މެދު ފިޔަވަޅު އަޅާ ފަރާތަކަށް ބައިވެރިޔާ ވުން އެއީ ވަރަށް ރަނގަޅު އަލާމާތެކެވެ. މިކަހަލަ ހާލަތެއްގައި ބައިވެރިޔާ ހަދާނެ ގޮތެއް އެނގޭނީ އެކަހަލަ ހާލަތެއް އައުމުންނެވެ. އެހެންވީމާ ކިތަންމެ ވަރަށް ވާހަކަ ދެއްކިއަސް ނޭނގޭނޭ ކަންކަން ހުންނާނެކަން ގަބޫލު ކުރަންވާނެއެވެ. ތައްޔާރު ނުވެވޭނޭ ގޮތްތައް ހުންނާނެކަން ހަނދާން ކުރަން ވާނެއެވެ.

މުހިންމު ވާހަކަތައް މަޝްވަރާ ކުރުމުގެ އިތުރުން މީހަކާ އިނުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުުރުމަކީ ވެސް ކޮންމެހެން ކުރަންވާނޭ ކަމެކެވެ. އަދި އެމީހާގެ އާއިލާ މީހުންނާއި އެމީހާއާ ބެހޭ ގޮތުން އެމީހުން ދަންނަ އެހެން މީހުން ކައިރިން އިތުރު މައުލޫމާތެއް ލިބޭތޯ ބަލަން ވާނެއެވެ. އަދި ދެފަރާތުގެ އާއިލާއާ އެކު ބައްދަލުވެ ވިސްނުން ހުންނަ ގޮތް ބަލައިލާ، އެ އާއިލާގެ އާދަކާދައާ ބެހޭ ގޮތުން ދިރާސާ ކޮށްލަން ވާނެއެވެ. ޕްރީމެރައިޓަލް ކައުންސިލިންގްއަށް ދިޔުމަކީ ވެސް ކުރަންވާނޭ ކަމެކެވެ. މަތީގައިވާ ނުކުތާތަކުގެ ވާހަކަ ދައްކަން އުނދަގޫ ނަމަ ނުވަތަ ދައްކާނެ ގޮތެއް ނޭނގޭ ނަމަ ކައުންސިލަރެއްގެ ކިބައިން އެހީ ހޯދިދާނެއެވެ. ނުވަތަ އިތުބާރު ކުރެވޭ ގާތް އާއިލާ މީހެއް ނުވަތަ އާއިލާ މީހަކު ނެތް ނަމަ ރައްޓެއްސެއްގެ އެހީ ވެސް ހޯދިދާނެއެވެ.

ހަގީގަތުގައި ، މީހަކާއި އިންނަނީ ލޯބިން ވިޔަސް، ކޮންމެ ދެމީހަކީ ވެސް ތަފާތު ދެމީހެއް ކަމުން، ހަމައެކަނި ލޯބި ބޭނުންކޮށްގެން އުފާވެރި، ދުޅަހެޔޮ އަދި ހިތްހަމަޖެހޭ ކައިވެންޏެއް ނުދެމެހެއްޓޭނެއެވެ. މިކަމަކީ ކައިވެނި ކުރުމުގެ ކުރީގައި ވެސް ވަރަށް މަސައްކަތް ކޮށްގެން މޮޅަށް ވިސްނައިގެން ނޫނީ ނަގަން ވާނޭ ފިޔަވަޅެއް ނޫނެވެ. އަދި ކައިވެނީގެ ފަހުންވެ ސް ވަރަށް ބައިވަރު ވިސްނުން ވިސްނައި، މައްސަލަ ހައްލު ކުރުމުގެ ނިމުމެއް ނުވާ މަރުހަލާއެއް ދެމިގެންދާނެއެވެ. އެތަކެއް ގުރުބާނީއެއްވެ، އެތަކެއް ފަހަރު މައާފަށް އެދި، އަދި މައާފު ކޮށްދޭން ޖެހޭނެއެވެ. ނަމަވެސް އެމީހަކު ބޭނުންވާ ކަހަލަ ލޯބި ކައިވެންޏެއް ކޮންމެ މީހަކަށް ވެސް އިންޝާﷲ، ލިބުމުގެ ފުރުސަތު އެބަ އޮތެވެ. ކައިވެނީގެ ކުރިންނާއި ކައިވެނީގެ ކުރީކޮޅުގައި ނަގާ ފިޔަވަޅުތައް މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!