ނޫސްވެރިންގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކޮށްފި
މަސްދަރު ހާމަ ކުރަން އެންގޭ ގޮތަށް ބިލުގައި ހިމަނާފައި ވާތީ، ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވެވިއެވެ. އަދި ދެ މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށެވެ.
ބިލުގައިވާ ގޮތުން ހެކި ހުށަހެޅުމަށް ޓަކައި، މައިގަނޑު ތިން ބައެއް އޮވެއެވެ. އެގޮތުން ހެކީގެ ވަސީލަތަށް ބަލައި ހެކި ބައި ކުރެވިދާނެއެވެ. ދަރަޖައަށް ބަލައި ހެކި ބައި ކުރުމާއި، ހެކީގެ ގުޅުމަށް ބަލައި ހެކި ބައި ކުރެވިދާނެ ގޮތުގެ ތަފްސީލް ބިލުގައި ވަނީ ހިމަނައިފައެވެ.
އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހެކިބަސް ގަބޫލް ކުރެވޭނެ އުސޫލުތަކާއި އަންހެނުންގެ ހެކިބަސް ނެގޭނެ ހާލަތާއި، ނެގޭނެ ގޮތް ވެސް ބިލުގައި ހިމަނައިފައިވެއެވެ. ހަމަ މިއާ އެކު ހެކި ވަޒަން ކުރުމުގެ އުސޫލު ވެސް ވަނީ ފާހަގަކޮށްފައެވެ.
އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއް ނެތި އެކަން ސާބިތުވާނެ ކަމާއި، އެގޮތަށް ސާބިތުވާނެ ކަންކަން ތަފްސީލް ކޮށްފައި ވެއެވެ. ހެކީގެ ގޮތުގައި ހުށަނޭޅޭނެ ކަންކަން ވެސް ބަޔާން ކޮށްފައިވެއެވެ.
މި ބިލުގެ 136ވަނަ މާއްދާއާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މާއްދާގައި ނޫސްވެރިންގެ މަސްދަރު ވަކި ހާލަތްތަކެއްގައި ޝަރިއަތުން އަންގައިފި ނަމަ ހާމަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދައުވާ ލިބޭ ފަރާތަށް މަސްދަރު ހޯދުމަށް ވެސް އެދެވެއެވެ.
ނޫސްވެރިންގެ މި ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އަޑު އުފުލައިފައި ވެސް ވެއެވެ.
އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބިލުގައި ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
"ބިލުގެ 136ވަނަ މާއްދާގައި ހަގީގަތުގައި އެ ކަންބޮޑުވުމެއް ނެތް، މަސްދަރު ހާމަކުރަން ޖެހޭ ހާލަތަކީ ދެ ފަރާތުގެ އެއްބަސްވުމުގައި، އޭގެ އިތުރުން މަސްދަރު ހާމަ ކުރަން ހަމައެކަނި ޖެހޭ ހާލަތަކީ ޝަރީއަތުގައި އެކަން ހާޒިރުވެ، ޝަރީއަތުގައި އެކަން ނިންމުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި ޝަރީއަތުން އެންގުމުން މިހާރު ވެސް މަސްދަރު ހާމަކުރަން ޖެހެއެވެ.